ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރޭ ހުކުމެއް ގަބޫލުނުކުރައްވާނެ ކަމަށާއި އިންތިހާބުގެ ކަންކަމުގައި ގަބޫލުކުރައްވާނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވާ ގޮތްތަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އިންތިހާބު ފަސްކުރަން އެ ކޯޓުން އަމުރުކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެމްޑީޕީން އެފްޑީއައި ކުރިމަތީގައި ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިއަކު ކަނޑައެޅުމަށް އިންތިހާބު ބޭއްވުމުގެ ބާރުވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ގާނޫނު އަސާސީން އެ ބާރު ދީފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށާއި އެހެންކަމުން އިންތިހާބާ ގުޅޭ ކަންކަމުގައި ގޮތް ނިންމަން ޖެހެނީ ސުޕްރީމް ކޯޓުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ [ސުޕްރީމް ކޯޓަކީ] ގާނޫނީ ހަމަތަކުގެ މަތިން ހިންގަމުންދާ އަދި ހުކުމް އިއްވަވާ ކޯޓެއް ކަމަށް އަޅުގަނޑު ނުދެކެން. އަދި ގާނޫނު އަސާސީގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓެއް ނޫން. އަދި މި ދިވެހި ދައުލަތުގެ އެންމެ ފަހު ބަސް ބުނަނީ ވެސް ސުޕްރީމް ކޯޓެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ސަބަބުން ގާނޫނު އަސާސީގެ މާއްދާއަކަށް ފަހު މާއްދާއެއްގެ ބާރު ކެނޑިގެން ގޮސް، އިންތިހާބު ބާއްވަންޖެހޭ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމް ކުރުމާ ދެމެދަށް އޮތް ވަގުތުތަކަކީ ވަރަށް މުހިއްމު ވަގުތުތަކެއް ކަމަށާއި ގާނޫނުތަކަށް ނުބަލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންހާ ގޮތަކަށް ހުކުމް އިއްވުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު އިންތިހާބު ބާތިލްކުރަން ހުކުމް އިއްވައި ނުވަތަ އިންތިހާބު ލަސްވެ ނޮވެމްބަރު 11 ހަމައަށް އިންތިހާބެއް ބާއްވައި ރައީސަކަށް ހުވާނުކުރެވޭނެ ގޮތަށް ސުޕްރީމްކޯޓުން ކަންކަން ނިންމައިފި ނަމަ އެއީ ދެން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އުވިދިޔައީ. ގާނޫނީ ހުކޫމަތެއް އޭރަކުން ނޯންނާނެ. އެ ހިސާބުން ދެން ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަކީ ސަލާމަތީ ހިދުމަތްތަކުގެ ބާރުތައް ހިފެހެއްޓުމަށްޓަކައި އަދި ރައީސުލް ޖުމްހޫރިއްޔާގެ ހިމާޔަތަށްޓަކައި އެކުލަވާލާފައިވާ ލިއުމެއް ނޫނެވެ. ގާނޫނު އަސާސީ އަކީ ރައްޔިތުންގެ ހިމާޔަތަށްޓަކައި ކަންކަން ކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަ ލިއުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ ހިމާޔަތްކޮށް، އޭގެ އިންތަކުގައިވާ ގޮތުގެ މަތިން އިންތިހާބެއް ބާއްވަން ކުރަން ޖެހޭ ކަންކަން ކޮށްދިނުމަކީ ރައީސް މުހައްމަދު ވަހީދުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. އެހެން ނަމަވެސް އިންތިހާބު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށް ނުދެއްވީ ރައީސް ވަހީދާއި ސަލާމާތީ ހިދުމަތްތަކުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ބުންޏަސް އަޅުގަނޑަށް ފެންނަ ފެނުމުގައި ސުޕްރީމް ކޯޓަކަށް ނެތް ގާނޫނު އަސާސީއާ ހިލާފުވެވޭކަށް. އިލެކްޝަންސް ކޮމިޝަނަރު ގާނުނާ ހިލާފެއް ނުވޭ. ކޮމިޝަނަރު ވިދާޅުވީ މާހައުލެއް ނެތިގެން އިންތިހާބު ނުބޭއްވީ ކަމަށް. އިލެކްޝަންސް ކޮމިޝަނަރު ވިދާޅެއް ނުވޭ ސުޕްރީމް ކޯޓުގެ އަމުރެއް އޮވެގެން އިންތިހާބު ލަސްކުރީ ކަމަކަމަށް،"
ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ހުކުމް ނެރެފައި ވަނީ ހުށަހެޅި މައްސަލައަކަށް ބަލައިގެން ނޫން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާ ގުޅޭގޮތުންނާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން ހުށަހެޅުއްވި މައްސަލަ އާއި ހުޅުމާލޭ ކޯޓުގެ މައްސަލާގައި ވެސް ނެރެފައި ވަނީ "ހުށަހެޅި މައްސަލަ އަށް ޝިފާ ލިބޭ ހުކުމެއް ނޫން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރޭ ހުކުމުން ވެސް "ވާއެއް ނުވާއެއް ނޭނގޭނެ" ކަމަށެވެ. އެހެންކަމުން މާދަމާ ވެސް އިންތިހާބު އިއުލާންކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ނަޝީދު ގޮވާލެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ތައްޔާރަށް ހުންނެވީ އުއްތަމަ ފަނޑިޔާރު ބޭނުންވާ ދުވަހެއްގައި ވޯޓުލުމަށް ނޫނެވެ. އިލެކްޝަންސް އިން އިންތިހާބުގެ ތާރީހު މާދަމާ އިއުލާންކުރެއްވިއަސް ވޯޓުލާން ތައްޔާރު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ބޭނުން ވަނީ ރާއްޖެ އަށް ހަމަޖެހުން ހޯދުމަށް ކަމަށާއި އެކަން ވާން އޮތީ ރައްޔިތުންގެ ވޯޓަކުން ރައީސަކު ހޮވުމަށް އިންތިހާބު ބާއްވައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އިންތިހާބާ ގުޅޭގޮތުން ނެރޭ ހުކުމެއް ގަބޫލެއް ނުކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ