ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި ގާނޫނުތަކާ ހިލާފަށް ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ރީ-ރެޖިސްޓަކުރަން ހުށަހަޅާފައިވާ ފޯމްތަކުގައި ގިނަ އަދަދެއްގެ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށަށެވެ. ބައެއް ފޯމުތަކުގައި ޖަހާފައިވާ ފިންގަޕްރިންޓް ސައްހަކުރަން ނޭނގޭ ވަރަށް ދެލިގަނޑެއްހެން އެބަހުރި ކަމަށާއި ސޮއި ދިމާނުވާ ފޯމުތަކާއި އައިޑީ ކާޑުގައި ހުރި މައުލޫމާތު ދިމާނުވާ ފޯމްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ކަންކަމުން ވޯޓު އޮޅުވާލުމަށް ފުރުސަތު ލިބޭނެ ކަމަށާއި އެ މައްސަލަތައް ހައްލު ނުކުރާނަމަ އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ ރާއްޖޭގެ ވެރިކަމަކަށް މީހަކު އިންތިހާބުކުރަން ނޫން ކަމަށާއި މީހަކަށް ރާއްޖޭގެ ވެރިކަން ދިނުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"[ނަމަވެސް] އެޖާގަ ދޭކަށް އެއްބަހެއް ނުވެވޭނެ،" ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެ އިންތިހާބު ބާތިލުކުރުމަށް ހުށަހެޅުއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.
"ވަގު އައިޑީ ކާޑު ހިފައިގެން ވޯޓުލެވޭނެ ގޮތް ހަދާކަށް ނޫން އަޅުގަނޑުމެން މިތިބީކީ."
ނޮވެމްބަރު 9 ގައި އިންތިހާބު ބާއްވަން ނިންމާފައިވާއިރު، ރެޖިސްޓްރީގައި ހުރި މައްސަލަތައް ހައްލު ނުވަނީސް އޭގައި ސޮއި ނުކުރައްވާނަންތޯ "ހަވީރުން" ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ގާސިމް ވިދާޅުވީ މައްސަލަތައް އެހެން ހުއްޓައި އިންތިހާބެއް ބޭއްވުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެއީ އިންސާފުވެރި އިންތިހާބަކަށް ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ގާސިމް ތުހްމަތުކުރެއްވި އިރު، ބޮޑެތި އޮޅުވާލުންތައް ހަދައިގެން ރައްޔިތުން ބޭނުންނުވާ ވެރިޔަކު އިންތިހާބު ކުރުމަށް ވުރެ ސަލާމަތީ ބާރުތަކުން ވެރިކަމާ ހަވާލުވުން ވެސް މާ ރަނގަޅުވާނެ ވެސް އޭނާ ވިދާޅުވި އެވެ.
ވެރިކަން ސިފައިންނާ ހަވާލުކުރުމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު ވެސް މި ފަހުތާގައި ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވާފައިވެ އެވެ. ނަމަވެސް އެއީ ޖުމްހޫރީ ކޯލިޝަންގެ ވިސްނުމެއް ނޫން ކަމަށް ގާސިމްގެ ރަނިން މޭޓް، ދިވެހި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ.
ރީ-ރެޖިސްޓްރޭޝަނަށް ހުށަހެޅި ފޯމްތައް ޗެކްކުރުމުގެ ފުރުސަތު ރޭ ހަމަވެފައިވާއިރު، އެ ޕާޓީން ވެސް 15،000 އަށް ވުރެ ގިނަ ފޯމްތައް ޗެކްކުރި ކަމަށާއި އޭގެތެރެއިން ތެރެއިން ގިނަ އަދަދެއްގެ ފޯމުތަކުގައި މައްސަލަ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އިންތިހާބު ބޭއްވުން ނޫން ގޮތަކަށް އެ ކޯލިޝަނުން އެއްބަސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރީކުރަން 71،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ އިރު، ފޯމްތައް ސައްހަތޯ ބެލުމަށް އިތުރު ފުރުސަތު ހޯދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުންޏެވެ.
ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިނާ ހިލާފަށް އިންތިހާބު ބާއްވާ ނަމަ "އިލެކްޝަންސް ކޮމިޝަނަށް އުނދަގޫ ކުރާނަން" ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި "ބޭނުންވާހާ ގޮތަކަށް އިންތިހާބު ބޭއްވުމަށް ފުރުސަތެއް ނުދޭނަން" ކަމަށް އޭނާ ވިދާޅުވި އެވެ.
ގައިޑްލައިނާ ހިލާފަށް އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ