ރިޔާސީ އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިނަކީ އެ ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން އެކުލަވާލާފައިވާ އެއްޗެއް ކަމަށާއި އެ ގައިޑްލައިންގެ ސަބަބުން، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިޚާބު ހުއްޓުވުމުގެ ބާރު ލިބިފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް މިމަހު ކުރީކޮޅު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އިންތިޚާބު އަލުން ބާއްވާނެ ގޮތުގެ ގައިޑްލައިނެއް އެ ކޯޓުން ވަނީ ދީފަ އެވެ. ސޯޅަ ޕޮއިންޓުގެ މައްޗަށް އެކުލެވޭ ގައިޑްލައިންގައި އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާނެ ގޮތާއި ރީ-ރެޖިސްޓްރީ ކުރުމުގެ ކަންތައް ކުރާނެ ގޮތުގެ އިތުރަށް ވޯޓާސް ލިސްޓު ސައްހަކުރާނެ ގޮތް ވެސް ކަނޑައަޅާފައިވެ އެވެ.
ގައިޑްލައިންގައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް މައްސަލަ އުފެދިފައިވަނީ ވޯޓާސް ލިސްޓުތަކުގައި ހުރިހާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖެހުން ލާޒިމްކޮށްފައިވާ މާއްދާ އާ މެދު އެވެ. ކޯޓުގެ ހުކުމާ އެއްގޮތަށް އިއްޔެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ވޯޓު ލުން ހުއްޓުވުމަށް ފުލުހުން ބޭނުންކުރި އަސާސަކީ ވެސް އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން ދެ ބޭފުޅަކު ލިސްޓުތަކުގައި ސޮއިކުރައްވަން ދެކޮޅު ހެއްދެވުމެވެ.
ގާނޫނީ ވަކީލު އަލީ ހުސެއިން "ހަވީރަ"ށް ވިދާޅުވީ ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ އިރު ފުލުހުން އިއްޔެ އަމަލުކުރި ގޮތުން ދައުލަތުން މާނަކުރާ ގޮތަކީ ހުރިހާ ކެންޑިޑޭޓުންގެ ސޮޔާ ނުލާ އިންތިޚާބު ނުބޭއްވޭނެ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ގައިޑްލައިންގެ ސަބަބުން އިންތިޚާބު ހުއްޓުވުމުގެ ބާރު ކެންޑިޑޭޓުންނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގު ހިމެނޭ ކަމެއް. އެފަދަ ކަމެއްގައި އިންތިޚާބުގައި ވާދަކުރައްވާ އެންމެ ކެންޑިޑޭޓަކު، އެންމެ ފަރުދަކު، ބޭނުންވެއްޖެ ނަމަ އިންތިޚާބު ހުއްޓުވުމުގެ ބާރު ގައިޑްލައިނުން އެބަ ލިބޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފަދަ ބާރެއް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދެވޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ކޯޓުގެ ގައިޑްލައިންގައިވާ އެންމެ ނުރައްކާތެރި ކަމަކީ، އަލީ ހުސެއިން ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ އެ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައި ވުމެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެނޫން މުއައްސަސާއަކުން އެ ކޮމިޝަންގެ މަސައްކަތަށް ނުފޫޒު ފޯރުވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ގައިޑްލައިން އެކުލަވާލާފައިވަނީ ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ ބޭރުން ކަަމަށް އަލީ ހުސެއިން ފާހަގަކުރެއްވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެ ގައިޑްލައިނަށް ތަބާވާން ޖެހޭނީ ހަމައެކަނި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކަމަށާއި އެހެން އިންތިޚާބެއްގައި އެ ގައިޑްލައިން ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެހެން ވަކީލަކު ވެސް އަލީ ހުސެއިންގެ ވާހަކައަށް ތާއީދުކުރެއްވި އެވެ. އޭނާ ވެސް ވިދާޅުވީ ސުޕްރީމް ކޯޓަށް އެފަދަ ގައިޑްލައިނެއް އެކުލަވާލުމުގެ ބާރު ލިބިފައި ނުވާ ކަމަށާއި އެ ގައިޑްލައިންގެ ސަބަބުން އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާއެއްގެ ބާރު ކެނޑިގެން ދިޔުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
މައްސަލައިގެ ބާވަތުން ނަން ނުޖަހަން އެދިވަޑައިގެން ވާހަކަދެއްކެވި ވަކީލަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ވެސް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީން ކަމަށާއި ގާނޫނުއަސާސީ އާއި ގާނޫނުތަކުން މިނިވަން މުއައްސަސާއަކަށް ލިބިދީފައިވާ ބާރުތަކަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމުގެ ބާރު އެ ކޯޓަށް ލިބިދީފައި ނުވާ ކަމަށެވެ. އިންތިޚާބުތަކުގައި ވޯޓު ލުމަކީ ރައްޔިތުންގެ ކިބައިން ނިގުޅައިނުގަނެވޭނެ ހައްގަކަށްވާ އިރު ކޯޓުގެ ގައިޑްލައިންގެ ސަބަބުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގައުމެއްގައި ވެސް އިންތިޚާބުތައް ބޭއްވުމާއި އިންތިޒާމްކުރުމުގެ ހުރިހާ ކަމެއް ކުރަނީ އިލެކްޝަންސް ކޮމިޝަނުން. ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުކުރާ ގޮތެއް ނޫން މިއީކީ. މިކަން ވެސް ގޮސް ނިމެނީ ގާނޫނުއަސާސީ އާ ހިސާބުން. ގާނޫނުއަސާސީގައިވާ މުތުލަގު ހައްގެއް ނިގުޅައިގަންނާކަށް ކޯޓަކަށް ވެސް މަސައްކަތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ރަނގަޅު ބައެއް ކަންތައްތައް ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނެޝެނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ )އެންސީއައިޓީ(ގެ އެހީތެރިކަން ހޯދުމަށް ގައިޑްލައިންގައި އޮތް އޮތުމަކީ އުސޫލެއްގެ ގޮތުން ރަނގަޅު ކަމެއް ކަން އޭނާ ފާހަގަކުރެެއްވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިނުކޮށްފި ނަމަ އެކަމުގެ ހައްލެއް ގައިޑްލައިންގައި ދީފައި ނުވާ ކަމަށެވެ.
"އިއްޔެ ވޯޓު ލާން އޮއްވައި އިންތިޚާބު ހުއްޓުވުނީ ވެސް އެކަމަށް ހައްލެއް ހޯދައިދީފައި ނުވާތީ. މިސާލަކަށް އެމެރިކާ ތަންތާނގައި އުޅޭ މީހުން ލަންޑަން ކަހަލަ ތަންތަނަށް ދިޔަ ބޮޑު ހަރަދުކޮށްފަ ވޯޓު ލާން. މިފަދަ ކަންތައްތަކާ ހުރެ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވާނެ. ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް އެކްސްޕްރެސް ކުރަން ބޭނުންވީމަ އެކަމަށް ބޮޑެތި ހަރަދުތައް ކުރަން ޖެހުން، ކެންޑިޑޭޓަކު ބޭނުންވީމަ އެކަމަށް ހުރަސް އެޅުމަކީ ކުރެވޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ބާއްވަން އޮތް އިންތިޚާބުގައި ވޯޓު ލާ މީހުންގެ ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ބުރާސްފަތިދުވަހުގެ ރޭ ފަތިހު އެވެ. ލިސްޓުތައް ޗާޕުކުރެވޭ ވަރަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ މަންދޫބުން ސޮއިކޮށް ނިންމާލެވުނީ ހުކުރުދުވަހުގެ ރޭ ދަންވަރު އެވެ.
ނަމަވެސް، އިންތިޚާބުގައި ވާދަކުރައްވާ އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމްގެ މަންދޫބުން ވިދާޅުވަމުން ގެންދެވީ ލިސްޓުތަކުގެ ސައްހަކަން ބެލުމަށް ވަގުތު ބޭނުންވާ ކަމަށާއި އެ ލިސްޓުތައް ރަނގަޅަށް ބެލުމަށްފަހު ނޫނީ ސޮއިނުކުރާނެ ކަމަށެވެ. އެ ދެ ކެންޑިޑޭޓުން ލިސްޓުތަކުގައި ސޮއިނުކުރެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބައިގެން ކުރިއަށް ދާށެވެ.
ނަމަވެސް، އެކަމަށް ފުލުހުންގެ އެއްބާރުލުން ނުލިބި، ކޮމިޝަނަށް މަޖުބޫރުވީ އިންތިޚާބު އިއްޔެ ހެނދުނު ކެންސަލް ކުރާށެވެ. އިއްޔެ ހެނދުނު 7:30 ގައި ވޯޓު ލުން ފަށަން ހަމަޖައްސާފައި ވަނިކޮށް އިންތިޚާބު ނުބާއްވަން ނިންމީ، އިލެކްޝަންސް ކޮމިޝަބުން ބުނި ގޮތުގައި، ވޯޓާ ގުޅޭ އެއްވެސް ލިއެކިއުމެއް ބޭރު ނުކުރެވޭނެ ކަމަށް ފުލުހުން ބުނެ، ހުރަސް އެޅުމުންނެވެ. ނަމަވެސް، ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ވިސްނުމަކީ ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިން ފުރިހަމަ ނުކޮށް އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނުން ކެންޑިޑޭޓުންނަށް އިންތިޚާބު ހުއްޓުވުމުގެ ބާރު ލިބޭ: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ