ނޮވެމްބަރުގެ ތިނެއްގެ އެންމެ މުހިންމު ފިލާވަޅަކީ އިސްލާމް ދީނުގައި ސާބިތުވެ ތިބުން: މައުމޫން

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ދިވެހިން ކުރި ހިތި ތަޖުރިބާއިން ދަސްކުރަން ޖެހޭ އެންމެ މުހިއްމު ފިލާވަޅަކީ ހުރިހާ ދިވެހިން ވެސް އިސްލާމް ދީނުގެ ސާފުސީދާ ތެދުމަގުގައި ސާބިތުވެ ތިބުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މައުމޫން އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހިތި ތަޖުރިބާއިން ގިނަ ފިލާވަޅުތައް ލިބިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން، އެންމެ މުހިންމު އެއް ކަމަކީ 100 ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ އިތުރަށް އެހެން ދީންތަކުގެ ނުފޫޒުތަކާއި ލާދީނީ ވިސްނުންތައް ރާއްޖެއަށް އަޔަނުދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހެން މިދެންނެވީ ދިވެހިން އެއްބައިވަންތަކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ ދީނީ އަގީދާ ކަމަށްވާތީ އެވެ،" މެސެޖުގައިވެ އެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާއިން ލިބިގަންނަން ޖެހޭ އަނެއް ފިލާވަޅަކީ އެކަން ރާވައި ހިންގުމުގައި ދިވެހި ހާއިނުންގެ ބަޔަކު ވާކަން އަބަދު ވެސް ހަނދާންކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެފަދަ މީހުންގެ ނުބައި ރޭވުންތަކުން ރާއްޖެ ސަލާމަތްކުރުމަށް އަބަދު ވެސް ހޭލާ ތިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާއަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި، ބިރުވެރި ހާދިސާކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ އެ ހަމަލާއަކީ ދިވެހި ހާއިނުންގެ ބަޔަކު ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުޑުފުޑުކޮށްލައި، ރާއްޖޭގައި ބާޣީ ސަރުކާރެއް އުފެއްދުމަށް ހިންގި ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ދުވަހު ބާޣީން ވަނީ އެއްވެސް ކުށެއް ނެތް 19 ދިވެހިން އެއްވެސް ރަހުމެއް ނެތި ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ދުވަހު ދިވެހި ސިފައިން ސާބިތުކޮށްދިނީ އެމީހުންނަކީ އިސްލާމް ދީނާއި ގައުމުގެ ދިފާއުގައި ޖާނާއި މާލުން ގުރުބާން ވާން ތައްޔާރަށް ތިބި ބައެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން، މައުމޫން ވަނީ ދިވެހި ރައްޔިތުންނާއި ހިތްވަރުގަދަ ސިފައިން އެ ދުވަހު ހޯދި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
"ނަސްރަކީ މާތްﷲ އަށް ހައްގު ގޮތުގައި އީމާންވެ، އެކަލާނގެ ދެއްކެވި މަތިވެރި ހިދާޔަތުގައި ދެމިތިބެ ދީނާއި ގައުމުގެ ދިފާއުގައި ހިތްވަރާއި ސާބިތުކަމާ އެކު މަސައްކަތްކުރާ ތެދުވެރި މުއުމިނުންނަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ އަގު މާތް ނިއުމަތެކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވަނީ އެ ދުވަހު ދިވެހި ސިފައިން ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި އިންޑިއާ ސިފައިންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ދުވަހު އިންޑިއާ ސަރުކާރުން ވެދިން އަވަސް އެހީތެރިކަމުން ދެ ގައުމުގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދޭ ކަމަށެވެ.
"ދިވެހި ސަރުކާރުން އެ ދުވަހު ދަންނަވާލި ދަންނަވާލުމަށް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ރަޖީވް ގާންދީ ދެއްވި ސަމާލުކަމާއި އަވަސް އިޖާބައަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ކިތަންމެހާ ވެސް ބޮޑެވެ،" ނޮވެމްބަރު ތިނެއްގެ ހަމަލާ ކުރިމަތިވި އިރު ރައީސްކަމުގެ މަގާމުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.
އިސްލާމީ ހިދާޔަތުގެ މަތީގައި ސާބިތުވެ ތިބޭ ނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެއްވެސް ސަބަބަކާ ހުރެ ބައިބައިވެގެން ގޮސް ގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ