ކުނިވެފައިވާ ޓޮމާޓޯއިން ކަރަންޓު އުފެއްދިދާނެ!

ކުނިވެ ހަލާކުވެފައިވާ ޓޮމާޓޯ ބޭނުންކޮށްގެން ކަރަންޓު އުފެއްދިދާނެކަމަށް އިންޑިޔާގެ ސައިންސްވެރިންތަކެއް ބުނެފިއެވެ.
މި ސައިންސްވެރިން މިހެން ބުނެފައިވަނީ 251ވަނަ "ނޭޝަނަލް މީޓިންގ އެންޑް އެކްސްޕޮސިޝަން އޮފް ދި އެމެރިކަން ކެމިކަލް ސޮސައިޓީ"ގައި ވާހަކަ ދައްކަމުންނެވެ.
އިންޑިޔާގެ ސައިންސްވެރިންތަކެއް ކަމުގައިވާ ނަމިތާ ޝްރެސްތާ، އެލެކްސް ފޮގް އަދި ވެންކަތަރަމާނާ ގަދަމްޝެޓީ ބުނިގޮތުގައި މިފަދަ ޓޮމާޓޯ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެ ގޮތް އެ ފަރާތްތަކުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު އުފެއްދުމަށްޓަކައި ކުނިވެފައިވާ ޓޮމާޓޯ ބަޔަލޮޖިކަލް އަދި މައިކްރޯބަޔަލް އިލެކްޓްރޯކެމިކަލް ސެލްގައި ޓޮމާޓޯ ބޭނުންކުރަން ޖެހޭކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މި ސައިންސްވެރިންގެ ޓީމުން ވަނީ ޓޮމާޓޯއިން ކަރަންޓަށް އުފެއްްދުމުގެ ޤާބިލުކަން ލިބިފައިވާ މައިކްރޯބަޔަލް އިލެކްޓްރޯކެމިކަލް ސެލްއެއް އުފައްދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް އެމެރިކާގެ ފްލޮރިޑާގެ ދަނޑުތަކުގައި އެކަނިވެސް 396،000 ޓަނުގެ ޓޮމާޓޯ ކުނިވެއެވެ. މިފަދަ ޓެކްނޮލޮޖީއެއްގެ ސަބަބުން އަގުހެޔޮ ކޮށް ގިނަ ބަޔަކަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ