ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޙުކުމް ކުރާނީ ޤާނޫނާއި ޝަރީއަތާއި އެއްގޮތައް – ރައީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޙުކުމް ކުރާނީ ޤާނޫނާއި ޝަރީއަތާއި އެއްގޮތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މީދޫގެ ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތިން މަރުހަލާގެ ކޯޓުން ކުރާ ޙުކުމް ބަލައި ގަންނަން ޖެހޭނެ ކަމަށާއި ކޯޓުން ކުރާ ޙުކުމް ގަބޫލު ކުރުން އެއީ އިޙްތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ މަޖުބޫރު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރާ ޙުކުމް ތަކާއި މެދު ވެސް ސުވާލު އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަކިބަޔަކަށް ޙުކުމެއް އައިސްދާނެތީ ކަމަށެވެ.
ރައީސް ވިދާޅުވީ "ޤާނޫނު އަސްލު މާނައިގައި ތަންފީޒު ނުކުރަންޏާ ހަމަޖެހުމެއް ނޯންނާނެ" ކަމަށެވެ.
ރައީސް ވިދާޅުވީ ކޯޓަކުން ޙުކުމެއް ކުރުމުން "ރައީސް އަށް އެއްޗެކޭ ނުބުނެވޭނެ" ކަމަށެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާތީ އެކަމަށް ރައްދު ދެއްވާ ރައީސް ޔާމީން މިއަދު ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރަން ސަރުކާރުން ބޭނުންވަނީ އިންސާނުންގެ ފުރާނައަކީ ކަރާމަތްތެރި ވެގެންވާ އެއްޗެއް ކަމަށްވާތީ ފުރާނައިގެ ކަރާމާތްތެރިކަން ދަމަހައްޓަން ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތައް އޮންނަ ގައުމުތަކުގައި ވެސް މަރުގެ ޙުކުމް ތަންފީޒު ކުރާ ކަމަށް ވިދާޅުވެ ރައީސް ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ