ހެނބަދޫ ޒުވާނުންގެ އުއްމީދަކީ އެ ރަށުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތް މަގުފަހިވެގެންދިއުން

ނ. ހެނބަދޫ އަކީ އެކުވެރި ޒުވާނުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އަތޮޅުވެރިކަން ކުރާ ރަށާ އިރުބިތުން އެންމެ ދުރުގައި އޮންނަ ހެނބަދޫ އަކީ އާބާދީ ކުޑަ ނަމަވެސް އެއްބައިވަންތަ ބަޔަކު ދިރިއުޅެމުން އަންނަ ވަރަށް ރީތި ކުޑަކުޑަ ރަށެކެވެ.
ގާތްގަނޑަކަށް 700 ހާ މީހުން ދިރިއުޅެމުން އަންނަ ހެނބަދޫ ގައި އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސަތްކަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމެވެ. އިމާރާތްކުރުމުގެ ދާއިރާގައިވެސް ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވާއިރު ހެނބަދޫ ރައްޔިތުން ފާހަގަވެފައިވަނީ އަބަދުވެސް އިޖުތިމާޢީ ކަންކަމުގައި އެކުވެރި އަދި އެއްބައިވަންތަ ބައެއްގެ ގޮތުގަ އެވެ.
ހެނބަދޫ ޒުވާނުންގެ ތެރެއިން މައިގަނޑު ގޮތެއްގައި ގިނަ މީހުންނަކީ އެއް ކުޅިވަރެއް ކުޅޭ ބައެކެވެ. އެއީ ފުޓްބޯޅަ އެވެ. ނަމަވެސް ފުޓްބޯޅަ ވެސް އެންމެ އުއްމީދީ ގޮތެއްގައި ކުޅެވޭނެ ނިޒާމެއް އެ ރަށުގައި ޤާއިމުވެފައި ނެތްކަން އެ ރަށު ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ. ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރެވިފައި ހުއްޓަސް އެންމެ ރަނގަޅު ފެންވަރަކަށް ދަނޑު ހަދާފައިވާ ކަމަށް އެ ރަށު މީހުން ޤަބޫލެއް ނުކުރެ އެވެ.
"ވަގުތަށް" މަޢުލޫމާތު ދެމުން ހެނބަދޫ ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވި ކައުންސިލް މެންބަރު އާދަމް ސަމީރު ވިދާޅުވީ އެ ރަށު ފުޓްބޯޅަ ދަނޑު އެންމެ ރަނގަޅު ފެންވަރެއްގައި ތަރައްޤީ ކުރެވިފައި ވާކަމަށް ޤަބޫލް ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ހެނބަދޫ ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކީ ހަމައެކަނި ފުޓްބޯޅަ ކުޅޭ ބަޔަކަށް ވެފައި ރަށުގައި ރަނގަޅު ފެންވަރެއްގައި އެ ކުޅިވަރު ކުޅެވޭނެ ނިޒާމެއް ގާއިމްވެގެންދިއުމަކީ ހެނބަދޫ ޒުވާނުން ކުރަމުން އަންނަ އުއްމީދެއް ކަމަށެވެ.
އާދަމް ސަމީރު އިތުރަށް ވިދާޅުވީ ހެނބަދޫ ފުޓްބޯޅަ ދަނޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޖާގައިގެ މައްސަލަ ކަމަށާއި އެ ރަށު ފުޓްބޯޅަ ދަނޑު ބޮޑު ކުރުމުގެ މަސަތްކަތް ދާދި ފަހުން ފަށަން މަސަތްކަތްކުރި ނަމަވެސް މިހާރު އެކަން ހުއްޓިފައިވާ ކަމަށެވެ. އެ ރަށު ފުޓްބޯޅަ ދަނޑަކީ ޢާއްމުގޮތެއްގައި ފުޓްބޯޅަ ކުޅޭ ދަނޑުތަކާއި އަޅާބަލާއިރު ސައިޒުގެ ގޮތުން ކުޑަ ދަނޑެކެވެ. އެ ރަށު ފުޓްބޯޅަ ދަނޑުގެ ސައިޒު ބޮޑު ނުކުރެވިގެން އުޅޭ ސަބަބެއް ކަމަށް ސަމީރު ވިދާޅުވީ ހެނބަދޫ އަށް ބިން ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާތީ ކަމަށެވެ.
'' މިރަށުގެ ޒުވާނުންގެ އާބާދީގެ ބޮޑުބަޔަކީ ފުޓްބޯޅަ ކުޅޭ މީހުން. އެހެންކަމުން ރަށުގައި ރަނގަޅު ފެންވަރެއްގައި ފުޓްބޯޅަ ކުޅެވޭނެ ނިޒާމެއް ޤާއިމްވެގެންދިއުމަކީ މި ރަށު ޒުވާނުން އުއްމީދުކުރާ ކަމެއް. ރަށުގައި ފުޓްބޯޅަ ދަނޑެއް ހަދާފައި ހުއްޓަސް އެއީ މި ރަށު ޒުވާނުން އެންމެ ބޭނުންވާ ފެންވަރަށް ހަދާފައިވާ ދަނޑެކޭ ނުބުނެވޭނެ. ދަނޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޖާގައިގެ މައްސަލަ. މި ރަށު ދަނޑު ބޮޑުކުރުމުގެ މަސަތްކަތް ދާދި ފަހުން ފެށި. އެކަމަކު ކުރިއެރުމެއް ނުލިބި އެކަންވެސް ހުއްޓުނީ، އެކަން ނުކުރެވިގެން އުޅޭ ސަބަބަކީ ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ. ރަށުން ހުސްބިން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އަދި ޚާއްސަގޮތެއްގައި ފުޓްބޯޅަ ދަނޑު ސައިޒުގެ ގޮތުން ބޮޑު ކުރުމަކީ އުނދަގޫ ކަމެއް" އާދަމް ސަމީރު ބުންޏެވެ.
ހެނބަދޫ ޒުވާނުން ހަމައެކަނި ފުޓްބޯޅަ ކުޅޭ ބަޔަކަށްވީ ރަށުގައި އެހެން ކުޅިވަރުތައް ކުޅޭނެ ނިޒާމުތަކެއް ގާއިމުވެފައި ނެތުމުން ކަމަށް އާދަމް ސަމީރު ވިދާޅުވި އެވެ. 700 އެއްހާ މީހުން ދިރިއުޅެމުން އަންނަ ހެނބަދޫ ގައި އަންހެނުން ކުޅެން ވަކިން ޙާއްސަކޮށް ދަނޑެއް ތަރައްޤީ ކޮށްފައި ނެތެވެ. އެހެންކަމުން ރަށުގައި އަންހެނުންނަކީ އާއްމުގޮތެއްގައި ކުޅިވަރުތައް ކުޅެ އުޅޭ ބައެއް ނޫންކަމަށް ސަމީރު ވިދާޅުވި އެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ކުޅޭނެ ތަނެއް ނެތުމުން ކަމަށެވެ. އެހެންކަމުން ހެނބަދޫ ޒުވާނުން އެތިބީ އެ ރަށުގައި ފުޓްބޯޅަ ނޫން އެހެން ކުޅިވަރުތަކަށްވެސް ފުރުސަތު ލިބި ތަފާތު ކުޅިވަރުތައް ކުޅެވޭނެ މަގުފަހިވެގެންދާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހެނބަދޫގައި އިޖުތިމާޢީ ގޮތުން ރަށުގެ ޙާލަތު ރަނގަޅުކޮށް، ރަށު ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްސަދުގައި '' ޖޯޝް '' ގެ ނަމުގައި ޖަމިއްޔާ އެއް ވަނީ އުފައްދާފަ އެވެ. 2005 ވަނަ އަހަރު އުފެދިގެން އައި މި ޖަމިއްޔާ އަކީ ހެނބަދޫގައި ކުރިއަށް ގެންދާ އެކި އެކި އިޖުތިމާއީ އަދި އެހެނިހެން ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިންތިޒާމްވެރި ފަރާތެވެ.
ހެނބަދޫ އަށް ނިސްބަތްވާ '' ޖޯޝް '' ޖަމިއްޔާގެ ފަރާތުން ވަގުތަށް މައުލޫމާތު ދިން އެ ޖަމިއްޔާގެ ރައީސް ޙުސެއިން އަބޫބަކުރު ވިދާޅުވީ ނ.ހެނބަދޫ އަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށާއި ޖޯޝް ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ފަރާތުން އެ ރަށުގެ އިޖުތިމާޢީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަ ގުނަ މަސަތްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޖަމިއްޔާ އިން ހެނބަދޫ ރައްޔިތުންނަށްޓަކައި ކޮށްދެމުން އަންނަ ކަންތައްތައް އެ ރަށު ރައްޔިތުން ބަލައިގަނެ ހުރިހާ ކަމަކަށްވެސް ތަރުޙީބު ދޭކަން ޙުސެއިން ވަނީ ފާހަގަކޮށްފަ އެވެ.
" ހެނބަދޫ އަކީ ވަރަށް އެކުވެރި، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. މިރަށުގައި އަޅުގަނޑުމެން ޖަމިއްޔާގެ ފަރާތުން ހިންގާ އެކިއެކި ހަރަކާތްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ހީވެސްނުކުރާހާ ބޮޑު ތަރުޙީބެއް ލިބޭ. ޖޯޝް ޖަމިއްޔާ އަކީ އަބަދުވެސް މިރަށުގެ ކުރިއެރުމަށްޓަކައި މަސަތްކަތް ކުރާ ބަޔެއް. މިހާތަނަށް ހުންނާނެ މިރަށުގެ އިޖުތިމާއީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސަތްކަތްތަކެއް ކޮށްފަ، '' ޙުސެއިން އަބޫބަކުރު ވިދާޅުވި އެވެ.
ހެނބަދޫ ރައްޔިތުންގެ ކުރިއެރުމަށް މަސަތްކަތް ކުރާ ޖޯޝް ޖަމިއްޔާގެ ފަރާތުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ރަށުގައި އިޖުތިމާއީ ގިނަގުނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ކުޅިވަރަށް ހެނބަދޫ ޒުވާނުން ޝައުގުވެރިކުރުމަށްޓަކައި ވާދަވެރި އެކިއެކި މުބާރާތްތައް ބޭއްވުމާއި، ރަށުގެ ޒުވާނުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކުރުމަށްޓަކައި ތަފާތުން ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
ޖޯޝް ޖަމިއްޔާ އިން އަންނަނީ ކޮންމެ އަހަރަކުވެސް ރަށު ފެންވަރުގައި ހެނބަދޫ ޒުވާނުންނަށް ހުޅުވާލައިގެން '' ޖޯޝް ޗެމްޕިއަންޝިޕް '' ގެ ނަމުގައި ވާދަވެރި ފުޓްސަލް މުބާރާތެއް ބާއްވަމުންނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެ މުބާރާތަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު މި އަހަރުވެސް އެ ސިލްސިލާގެ މުބާރާތެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. '' ޖޯޝް ޗެމްޕިއަންޝިޕް 2016 ގެ ނަމުގައި ޖޯޝް ޖަމިއްޔާ އިން މިއަހަރު ބާއްވާ ފުޓްބޯޅަ މުބާރާތް ބާއްވަނަ ނިންމާފައިވަނީ މިއަހަރުގެ ބޮޑު ޢީދު ބަންދުގަ އެވެ.
ކޮންމެއަކަސް ވަގުތު ނ.އަތޮޅު ހޭރިޔާގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ހެނބަދޫ އަށް ވަގުތު ޓީމުން ކުރި ދަތުރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ ހެނބަދޫ ރައްޔިތުންގެ ހިތްހެޔޮ ކަމާއި އެކުވެރި ކަމެވެ. އެ ރަށަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށަކަށް ވެފައި އިޖުތިމާޢީ ގޮތުން އެމީހުން އިތުރަށް ހޭލުންތެރިކޮށް ކުޅިވަރުގެ މައިދާނަށް ވީހާވެސް ގިނަ ޒުވާނުން ނެރުމަކީ އެ ރަށު އެންމެންވެސް ބޭނުންވާ ގޮތެވެ.
ވަގުތުގެ ފަރާތުން ނ އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ