ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް އަމަލުތަށް ހިންގާ ފަރާތްތަކަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެއްވެސް އިސްތިސްނާއެއް ނެތި އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފިއެވެ.
އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރޭގައި ހުރިހައި އެންމެންގެ ވެސް ޢަމަލުތަކާއި ބަސްމަގު ބެހެއްޓުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެންމެހައި ޢަމަލުތަކުން އެއްކިބާ ވެތިބުމަށް ތަކުރާރުކޮށް އަންގާކަމަށެވެ.
އަދި ޝަރީޢަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީޢަތާ ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢު ކުރުމަކީ މަނާ ކަމަކަށް ވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ޙައިޘިއްޔަތުގެ މައްޗަށް ރިޢާޔަތް ކޮށް،
"އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީގޮތުން އަޅާ ން ޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ". ސްޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.
ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައިވާ ގޮތަށް ރާއްޖޭގައި އިންސާފު ގާއިމް ކުރުމަކީ ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށާއި އެކަމުގައި ހިއްސާ ކުރާ އެހެން ފަރާތެއް ނެތްކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާއިން އެނގޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ސްޕްރީމް ކޯޓުން މި ބަޔާން ނެރެފައި ވަނީ އެކޯޓުގައި ހިންގަމުންދާ ދެ ޝަރީއަތަކާމެދު އެކިގޮތްގޮތަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ޝަރީއަތަށް ނުފޫޒު ފޯރުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން - ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ