ކޮރަޕްޝަންގެ ތުހުމަތުގައި މައުމޫން އޭސީސީ އަށް ހާޒިރު ކުރަނީ

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އޭސީސީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން" އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫން އޭސީސީ އަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގެ އާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތަޙްޤީޤަށް ކަމަށެވެ.
ހަސަން ލުތުފީ ވިދާޅުވީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލަ އަކީ ކުރިން ވެސް ފުލުހުންނާއި ގުޅިގެން އޭސީސީ އިން ތަޙްޤީޤު ކުރަމުން އައި މައްސަލައެއް ކަމަށާއި އެމައްސަލައިގައި ބައެއް މީހުންގެ ބަޔާން މީގެ ކުރިން ވެސް ނަގާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ރައީސް މައުމޫންގެ ބަޔާން އެމައްސަލައިގައި ނަންގަވާފައި ނުވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށް 2008 ގެ ރިޔާސީ އިންތިޙާބު ކައިރި ވެފައި ވަނިކޮށް އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވެއެވެ.
އެމައްސަލަ ތަޙްޤީޤުކޮށް ރައީސް މައުމޫނާއި ދެކޮޅަށް ދައުވާ އުފުލުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެތަޙްޤީޤު އޮތީ މަޑުޖެހިފައެވެ.
ޤާނޫނު ބުނާ ގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވާ ރިޕޯޓަކަށް މީހެއްގެ މައްޗަށް ދައުވާ އެއް ނުކުރެވޭނެއެވެ. ޖިނާއީ ދައުވާއެއް އެއްވެސް މީހެއްގެ މައްޗަށް ކުރެވޭނީ ޖިނާއީ ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން މައްސަލަ ތަޙްޤީޤު ކުރުމަށް ފަހު އެވެ. އޭސީސީ އަކީ ޖިނާއީ ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެކެވެ.
އެހެންކަމުން ރައީސް މައުމޫންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގާ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލުމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ