މުއްރަތު މަރަން ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި

ޤާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލި ކަން ދަށު ކޯޓުން ސާބިތުވި އަހްމަދު މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައި މިވަނީ ހުކުމްކޮށްފައިވަނީ މުއްރަތުގެ މައްޗަށް ދަށު ކޯޓުން އިއްވާ، އަދި ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއްރަތު މަރަން ކުރި ހުކުމަށް ތާއީދުކޮށްފައި ވަނީ ފަސް ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
މި ހުކުމުގައި ބުނެފައިވަނީ ނަޖީބު މަރާލި ކަމަށް މުއްރަތު އިއުތިފާރުވެ ކަން ހިނގާދިޔަ ގޮތް ކިޔައި ދީފައިވާއިރު، އެ އިއުރިތާފް ވެފައިވަނީ ފުލުހުން މަޖުބޫރުކުރުވައިގެން ކަމަށްވެސް ބެލެވެން ނެތްކަމަށެވެ. އަދި މި މައްސަލައަކީ ތަޙުޤީޤު ފުރިހަމަކޮށް ދައުވާ ކުރެވިފައިވާ މައްސަލައެއްކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
ނަޖީބް މަރާލި މައްސަލައިގައި މުއްރަތުގެ އިތުރުން އޭނާގެ އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާ މެރުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައިވެއެވެ. އެ ހުކުމަށް ވެސް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން މުއްރަތައް ދެން މަރުގެ ހުކުމުން ސަލާމަތްވެވޭނީ ވާރިސުން ލުޔެއް ދިނުމުން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ