އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލްގެ ބަދަލަކާ ގުޅިގެން!

އިރާނުގެ ސުޕްރީމް ލީޑަރ، އާޔަތުالله އަލީ ޙާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިނުވެވުނީ އިރާން ސަރުކާރުން ބޭރު ގައުމުތަކުގެ ވަފުދުތަކަށް ކަނޑައެޅި ޕްރޮޓޮކޯލަށް ކުއްލި ބަދަލެއް ގެނައުމާ ގުޅިގެން ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައިވާ ގޮތުން، 03 ޖުލައި ވާ ހުކުރު ދުވަހު ބޭއްވި ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް އިރާން ސަރުކާރުން ދިވެހި ސަރުކާރަށް ދައުވަތު ދެއްވުމުން، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސަޢުދީ އަރަބިއްޔާއަށާއި އޯއައިސީއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު ކަމުގައި ވަނީ އިރާނަށް ރަސްމީކޮށް އަންގާފައެވެ.
އެހެންނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވަން ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން ވަނީ، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު އޮތްގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައެވެ.
މި މައުލޫމާތު ލިބުމާއެކު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު އިރާނަށް ފޮނުއްވުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖެއްސެވިއެވެ. ނަމަވެސް ތެހްރާންގެ އެއާޕޯޓަށް ފްލައިޓްތަކަށް ހުއްދަދޭ ސުންގަޑި ކައިރިވެފައިވުމުން، ރާއްޖެއިން ފުރާވަޑައިގަންނަވާ ބޭފުޅަކަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމަށްވާތީ، ދަތުރުފުޅު ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ދިވެހި ސަރުކާރުން އިސް ބޭފުޅަކު ބައިވެރިކުރެއްވުމަށް ކުރެއްވި މަސައްކަތަށް އިރާން ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީޚެއްގައި ދިވެހި ސަރުކާރުގެ އިސްބޭފުޅަކު އިރާނަށް ވަޑައިގަތުމަށް އެ ގައުމުން ވަނީ ލަފާދީފައެވެ.
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިރާންގެ ޚާރިޖީ ވަޒީރަށް ރަސްމީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ