އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 15) - އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ ހާސިލްކޮށްފައިވާ ކަމެެއް ތަކުރާރުކުރެވޭނެ މީހަކަށް ހުރީ މިހާރު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި، އާޖެންޓީނާ އިން މިރޭ ކުޅޭނީ އިންގްލެންޑާ އެވެ. މި މެޗަށް ނުކުންނައިރު، އާޖެންޓީނާ އިން ވަނީ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކަންކުރި ގޮތަށް އެ ޓީމުން ބޭނުންކުރާ ގަދަ ނޫ ކުލައިގެ ޖޯޒީ މިރޭގެ މެޗުގައި ވެސް ލާން ނިންމައިފަ އެވެ.
މެކްސިކޯގައި މީގެ 40 އަހަރު ކުރިން ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި، މަރަޑޯނާ ދެ ގޯލު ޖެހި އެވެ. އެއް ގޯލު އަތުން ޖެހިއިރު، ދެން ގޯލު ޖެހީ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާފައި ގޮހެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި، އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ އިން ކުޅޭއިރު، މިއީ، މެސީގެ ކެރިއަރުގައި ވެސް އޭނާ އިންގްލެންޑާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގެ ކުރިން، އެ ޓީމުގެ މެކް އަލިސްޓާ ވަނީ ތާރީހާ ގުޅުވައި، މިހާރުގެ ޓީމުގެ ވާހަކަ އެއް ހިއްސާކޮށްފަ އެވެ.
"1986 ވަނަ އަހަރުގެ މެޗުގައި މަރަޑޯނާ އެ ކުރި ކަންކަމުގެ ވީޑިއޯތައް އެބަ ފެނޭ ވަރަށް ގިނައިން. ހަގީގަތުގައި ވަރަށް އުނދަގޫ ކަމެއް މަރަޑޯނާ އެ ހާސިލްކުރި ފަދަ ކަންކަން ތަކުރާރުކުރުމަކީ. ފަހަރުގައި ބުނެވިދާނެ މިއީ ހަމަ ނުވާނެ ކަމެކޭ ވެސް. އެކަމަކު، ދަނޑު މަތީގައި މަރަޑޯނާ އެ ހާސިލްކޮށްފައިވާ ކަންކަން ކުރެވޭނެ މީހަކަށް ހުރީ މެސީ،" މެކް އަލިސްޓާ ބުންޏެވެ.
އިންގްލެންޑުން ވަނީ އެންމެ ފަހުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެއީ، 2005 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި، 3-2 އިންނާއި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިންނެވެ. އޭގެ ދެ އަހަރު ކުރިން، 2000 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި، 0-0 އިން އިންގްލެންޑާއި އާޖެންޓީނާ އެއްވަރުވިއިރު، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ ވަނީ 4-3 އިން އިންގްލެންޑް ބަލިކޮށްފަ އެވެ.
މަރަޑޯނާ ކުރި ކަމެއް ތަކުރާރުކުރެވޭނެ މީހަކަށް ހުރީ މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ