ރުއްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން މި މަސް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ބޭސް ފޮނުވައި ނިމޭނެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރުއްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން 18 ރަށަކަށް ބޭސް ފޮނުވައި، ބާކީ ރަށްތަކަށް މި މަސް ނިމުމުގެ ކުރިން ބޭސް ފޮނުވައި ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.
ރުއްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ވައިޓްފުލައިއާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީގެ މުވައްޒަފުން ރަށްރަށަށް ފޮނުވުމުގެ ކުރިން ބޭނުންވާ ތަމްރީން ދިނުމުގެ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަ ދެނެގަނެވި، އެކަމަށް ހައްލު ގެނެވޭނެ ގޮތް ދެނެގަނެވިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު އަހްމަދު ޝިޔާމް މިދިޔަ ޖޫން މަހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ވަރަށް ބާރަށް [ރުއްތަކުގެ މައްސަލަ ހައްލުކުރަން] ފެތުރިފައި ހުރި ރަށްތަކުގައި އެކަމަށް ހައްލު ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފާށާނަން،" މިނިސްޓަރު ޝިޔާމް އޭރު ވިދާޅުވި އެވެ.
ރުއްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ޗައިނާއާއެކު މިދިޔަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ރާއްޖޭގެ ރުއްތަކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކާށި ލިބުމަށްވެސް އަންނަނީ ދަތިތައް ދިމާވަމުންނެވެ.
ރާއްޖޭގެ ރުއްތައް މިސަރަހައްދުގެ ގައުމުތަކުގައި އުޅޭ ނުރައްކާތެރި ބަލިޖައްސާ ފަނިފަކުސައާއި ޖަރާސީމްގެ ކިބައިން ސަލާމަތްކުރުމަށް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މިގޮތުން ރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށްޓަކައި އެފަދަތަކެތި އެކްސްޕޯޓްކުރާ ގައުމުގެ ލެބޯޓަރީއަކުން ބަލި ނެތްކަން އަންގައިދޭ ޓެސްޓް ރިޕޯޓެއް ހުށަހަޅަންޖެހޭކަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ވަނީ ހަނދާންކޮށްދީފަ އެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީން ދަނީ ރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އެކްސްޕޯރޓްކުރާ ގައުމުތަކުގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަންތަކާއި މަޝްވަރާކުރަމުންނެވެ.
އެ މަޝްވަރާގެ އަލީގައި، އިންޑިއާގައި 'ލީތަލް ޔެލޯވިން' އަދި 'ކަޑަން ކަޑަން ޑިޒީސް' ނެތްކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް، އިންޑިއާގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުން ވަނީ ކަށަވަރުކޮށްދީފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރުއްތައް ސަލާމަތްކުރަން ބޭނުންވާ ބޭސް މި މަސް ތެރޭގައި ހުރިހާ ރަށަކަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ