ދުވަހަކު ފަގީރުނުވާ ވަރަށް ދިވެހިން ފަގީރުވެއްޖެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވުމުން، "ލަދެއް ނުގަނޭތޯ" އައްސަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ފާޑު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ ރޭ ފެށި އެމްއެންޕީގެ ގައުމީ ޖަލްސާގައި ދުންޔާ ދެއްކެވި ވާހަކަ ތަކަށް އިޝާރާތް ކުރައްވައެވެ.
އެ ޖަލްސާގައި ދުންޔާ ވިދާޅުވީ، ދިވެހި ރައްޔިތުން ހިނގަމުން ދާ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދިނުމަށް ކަމަށާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.
ކިތަންމެ ގިނަ ވޯޓެއް ލިބި، މަޖިލީހުގެ ކިތަންމެ ގިނަ ގޮނޑިއެއް ލިބުމުގެ މާނައަކީ ގައުމުގެ ވެރިކަން ހިންގަން އެނގުން ނޫން ކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ މިދިޔަ ތިން އަހަރު ފެނިގެން ދިޔައީ ހިންގުމުގެ ތަޖުރިބާއެއް، ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތްކަން ކަމަށެވެ.
ދުންޔާ ވިދާޅުވީ ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލުކަމުގެ ނިސްބަތް މިހާރު ވަނީ ލަދުގަންނަން ޖެހޭ ހިސާބުގައި ކަމަށާއި 1998 ވަނަ އަހަރު 80 ޕަސެންޓުގައި ހުރި ނިސްބަތް މިދިޔަ ދެތިން އަހަރު ވަނީ 35 ޕަސެންޓަށް ވެއްޓިފައި ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށާއި އަދި ރާއްޖޭގެ އާމްދާނީން ބޮލަކަށް ޖެހޭ މިންވަރު މިހާރު ވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެއްޓިފައި ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ވަނީ ދުންޔާ އެވަރުގެ "ދޮގުހަދަން ލަދެއް ނުގަނޭތޯ" އައްސަވާފައެވެ. އަދި ދުންޔާގެ ފޮރިން މިނިސްޓަރުކަމުގައި މުޅި ދުނިޔެއާ ގުޅުން ކަނޑާލައި މުޅި ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލައިފައި ވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެއާ ހިލާފަށް މިއަދު މުޅި ދުނިޔެ ރާއްޖެއަށް ތައުރީފު ކުރަމުންދާ ކަމަށާއި ދުންޔާއަށް ނުދެއްކެވުނު ބަދަލު މި ސަރުކާރުގައި އޭނާގެ ކޮއްކޮ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ދައްކަމުންދާ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ދުވަހަކު ނުވާ ވަރަށް ދިވެހިން ފަގީރުވެއްޖެ ކަމަށް ދުންޔާ ވިދާޅުވުމުން ރޮޒައިނާގެ ނުރުހުން ދުންޔާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ