ގާނޫނުގެ ބާރު ކަނޑުވާލަން އުޅޭނަމަ އެ މުޖްތަމައެއް އޮންނާނީ ހަލާކާ ވަރަށް ކައިރީގައި: ގާސިމް
ގާނޫނުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާނަމަ އެ މުޖުތަމައެއް އޮންނާނީ އެތަނެއްގެ ހަލާކާ ވަރަށް ކައިރީގައި ނުވަތަ ހަލާކުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ އެ މައްސަލައަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. ހަސަން ލަތީފު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް ސަރުކާރުން އެކުލަވައިލައިފައިވާ ގަވާއިދުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ފުށުއަރާ ގޮތަށް ހުރި މާއްދާތައް އުވާލަން ގޮވާލައްވައި، ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެކަމާ ގުޅިގެން މެމްބަރު ގާސިމް ވިދާޅުވީ ގާނޫނާ ޚިލާފަށް، އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށާއި ގާނޫނާ ޚިލާފަށް ކުރާ އެއްވެސް އަމުރަކަށް ތަބާވާކަށް ނުޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. "ގާނޫނު އަސާސީއާއި ގާނޫނާ ޚިލާފަށް މީހަކު ގަވާއިދެއް ނުހެދޭތަނުގައި، ކުރާ އަމުރަކަށް ވެސް ތަބާވާކަށް ނުޖެހޭނެ. ކޮންމެ ވެރިއަކު ކުރިއަސް ވެސް،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެފަދަ ގޮތަކަށް، ގަވާއިދެއް ހެދުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ކޮންމެވެސް ބަޔަކު ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އުޅޭ ކަން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ގާނޫނާއި ގާނޫނު އަސާސީގެ ތެރެއިން ކަން ހަނދާން ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަކާ ޚިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. "އެހެން ކަމަށް ވެއްޖެޔާ އެއީ ބާތިލު އެއްޗެއް. އެކަންކުރި ބަޔަކު ވެސް ގޯސް، އަނެއްކާ އެކަމަށް އަމުރުކުރި ބަޔަކު ވެސް ގޯސް. މިބާވަތުގެ ކަންތައްތައް މުޖުތަމައުގައި ހިނގަންޏާ އެތަނެއްގެ ހަލާކު އޮންނާނީ ވަރަށް ކައިރީގައި. ނުވަތަ އޮންނާނީ ހަލާކުވެފަ،" ގާސިމް ވިދާޅުވިއެވެ. ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިހާރު އޮތް ގަވާއިދުގެ ސަބަބުން އެއްވެސް ބިރެއްނެތި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. https://sun.mv/173963
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ