ރިޔާސީ އިންތިޚާބަށް 6 މަސް: ބަދަލުގެ ގޮތުގައި 101 މިލިއަން ރުފިޔާ ބަހައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް 6 މަހަށްވީއިރު ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި 101 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ބަހައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، އަހަރު ފެށިގެން އޭޕުރީލު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ބަދަލުގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން އެނގެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަދަލުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދީފައިވެއެވެ. އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ދީފައިވަނީ ސަރުކާރާ ގުޅުންހުރި ކުންފުނިތަކަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ކުންފުންޏަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނެވެ. އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލުގެ މަސްލަހަތު އޮންނަ ބިގު ކުންފުންޏަށް 30 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނެވެ.
ބިގް ކުންފުންޏަށް ދިން ބަދަލާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ބޭއްވި ބަހުސްގައި ފައްޔާޒު ވިދާޅުވެފައިވަނީ އެ ފައިސާ ބޭނުންކުރީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރި ކެނޑިޑޭޓުންގެ ކެމްޕެއިނަށް ކަމަށެވެ.
މިއަހަރު މިހާތަނަށް ބަދަލުގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ދީފައިވާއިރު، އޮންލައިން ނޫހަކުންވަނީ ސަރުކާރުން މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ހޯދުމަށް އެދިފައެވެ. ނަމަވެސް އެއީ ޒާތީ މައުލޫމާތުކަމަށް ބުނެ ފިނޭންސް މިނިސްޓްރީންވަނީ އެ މައުލޫމާތު ހާމަކުރުމަށް އިންކާރުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން އިންތިޚާބު އަހަރުގައި، ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދެނީ އެމްޑީޕީގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ މަޤުޞަދުގައެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ބެހުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. ބަދަލު ދިނުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާ ބަދަލުދިނުމުގެ މަސައްކަތް ފެށުމަށްފަހު ސަރުކާރުން އެ ކޮމިޓީ އުވައިލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ