އެމްއެމްޕީއާރުސީ ޚިޔާނާތް ސާބިތުވި ނަމަވެސް އަދީބާއި ޒިޔަތަށް ފުއްގިރި މައްސަލައިގެ ތުހުމަތެއް ނެތް: ދައުލަތް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީއާރުސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ނަމުގައި ދައުލަތަށް ޚިޔާނާތްތެރިވެފައިވާކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ދެ މީހުންނަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތްވިކަމުގެ ތުހުމަތު އޮތް ފަރާތްތަކެއް ނޫންކަމަށް ދައުލަތުން ބުނެފި އެވެ. 
ދައުލަތުން މިފަދައިން ބުނެފައިވަނީ ފުއްގިރި މައްސަލައާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމިނާއި، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާގެ ފަރާތްޕުޅުން ހުށައަޅާފައިވާ އަދީބާއި ޒިޔަތުގެ ތަހުގީގީ ބަޔާން ޝަރީއަތަށް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ހުށައެޅި ނުކުތާއަށް ވާހަކަދައްކަވަމުން ނެވެ. 
އަދީބާއި ޒިޔަތުގެ ބަޔާން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ރައީސް ޔާމިނާއި ކްރިކް ރިޒާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އެ ބަޔާންތަކަކީ އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގުކުރުމަށް އެލުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ގައިޑުލައިނާއި ޚިލާފަށް ނަގާފައިވާ ބަޔާންތަކެއްކަން ފާހަގަކުރައްވައެވެ. 
Advertisement
އެސެޓް ރިކަވަރީ ކޮމިޝަނުގެ ޤަވާއިދުގައި ކޮމިޝަނުން ކުރާ ތަހުގީގުތަކުގެ އަޑު ރެކޯޑު ކުރަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް އަދީބާއި ޒިޔަތުގެ ތަހުގީގީ ބަޔާނާއި ގުޅޭ އެއްވެސް އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ރިކޯޑުކުރެވިފައެއް ނުވެއެވެ. 
ދައުލަތުން ބުނީ، އެއީ ދިވެހި ފުލުހުންގެ ޚިދުމަތަށް އެމީހުން ދީފައިވާ ބަޔާނެއް ކަމަށާއި، އެ ބަޔާންތައް ހުށައަޅާފައިވަނީ ހެކީގެ ގޮތުގައި ނޫންކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަސް ހުށައަޅާފައިވަނީ ޝަފަވީ ހެކީގެ ގޮތުގައި ކަމަށެވެ. 
ޝަފަވީ ހެކީގެ ގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ހުށައެޅީ، އެދެފަރާތަކީ ފުއްގިރި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ނުވާތީކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަދީބާއި ޒިޔަތަށް ތުހުމަތު ނުކުރެވުނު ނަމަވެސް އެމްއެމްޕިއާރުސީގެ ބޮޑު ޚިޔާނާތުގެ ކުށް އެމީހުންގެ މައްޗަށް ސާބިތުވާކަމަށް ޝަރޫއީ ކޯޓުން ކަނޑައަޅާފައިވާތީ، އެކަމާއި ދެކޮޅު ނަހަދާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލައާއި ގުޅޭ އާ ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ވެސް ބަލައިނުގަތުމަށް އެދިވަޑައިގަންނަވާފަ އެވެ. 
ދެން އަންނަ އަޑުއެހުމެއްގައި އެކަމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކާނެއެވެ. އަދި މި މައްސަލައިގެ އަޑުއެހުން ބާއްވާނެ ތާރީހު ދެފަރާތައް ވެސް އަންގާނެކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ