ހުޅުމާލޭގައި ޤާއިމުކުރި އިޔާދަކުރަނި ހަކަތައިގެ ނިޒާމުން ކަރަންޓު އުފައްދަން ފަށައިފި

އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކޮށްފައިވާ ސޯލަރ ޕީވީތަކުގެ ޢަމަލީ މަސައްކަތް ނިމި އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިފިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރިއަށްގެންދާ އެކްސަލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި އަދި ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގެ ފުރާޅުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީގެ ޢަމަލީ މަސައްކަތް ނިމި އެޕެނަލްތަކުން މިހާރު ކަރަންޓު އުފައްދަން ފަށާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ހުޅުމާލޭ ލިންކް ރޯޑާއި ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގައި ޖުމްލަ 5.6 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގެ ފުރާޅުގައި 400 ކިލޯވޮޓްގެ ސޯލަރ ޕީވީ ހަރުކޮށްފައިވެއެވެ. އަދި 5 މެގަވޮޓްގެ ސޯލަރ ޕީވީ ހުޅުމާލޭ ލިންކްރޯޑާއި ހުޅުމާލެ ބޯށިމާ ހިނގުމުގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ. އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގެ މެދުގައި ހުސްކޮށް އޮންނަ "ޓްރެފިކް އައިލެންޑް" ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓަރކްޗަރ ތަކެއް ގާއިމުކޮށްފައެވެ.
މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ސޯލާރގެ ނިޒާމުގެ ނެޓްވާރކްގެ ހުރިހާ ބައެއް ޤާއިމުކޮށް ސްޓެލްކޯގެ ނެޓްވާރކާއި ގުޅާލުމަށްފަހު ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ މިއަހަރުގެ 2 ވަނަ ކުއާރޓަރގެ ތެރޭގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢާއެކު ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދައިގެ ބޮޑުބައެއް ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މި މަޝްރޫޢުން އަހަރަކު އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން، ދައުލަތުން ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ހޭދައިން މަދުވެގެން 20 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ