ހިޔަ ފްލެޓުތަކުގެ ކުއްޔަށް ބަދަލުގެންނާނީ އިންވެސްޓްމަންޓަށް ގެއްލުން ނުވެ، ސަރުކާރަށް ވެސް ގެއްލުން ނުވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހިޔާ ފްލެޓުގެ އަގު ސަރުކާރުން ކުޑަކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސަުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާތަކެއް ކުރެވޭތާ ދުވަސްތަކެއްވެފައިވާކަމަށާއި އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެ ކަަމަށެވެ.
އެހެންނަމަވެސް އެ ފްލެޓްތަކަށް ކޮށްފައިވާ ޚަރަދުތައް ބަދަލުވަނީ ނޫން ކަމަށާއި ހިޔާ ފްލެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ހިޔާ ފްލެޓަށް ކުރި ޚަރަދަށް ބަދަލުވަނީއެއްނޫން. ޚަރަދު 25 އަހަރަށް އިތުރުކުރީމަ އަންނަ ޢަދަދު ކުޑަކުރެވޭތޯ، އަދިވެސް ކުޑަކުރެވޭނެ ގޮތް ހުންނާނެ. އަޅުގަނޑުމެންނަށް މަޝްވަރާކޮށް ހޯދުނު ފޯމިއުލާއެއް އެއީ. އެ އަގު ވަރަށް އަވަހަށް ހާމަކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
މިކަމާއިގުޅިގެން ބައެއް ފަރާތްތަކުން ބުނަމުންދަނީ "ހިޔާ ފްލްޓުތަކުގެ ކުލި ކުޑަކޮށްފި" ކަމަށް ނޫސްތަކުގައި އެވަނީ ހަގީގަތާއި ޚިލާފަށް ރައްޔިތުންނަށް އޮޅޭގޮތަށް ލިޔެފައިވާ ލިޔުންތަކެއް ކަމަށެވެ.
ޚަބަރު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ގޮވައިލަމުން ޖަމްނާ އަހްމަދު މައުރޫފު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު ދައްކަންޖެހޭ 7500 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ނަމުގައި ނަގާ 1000 ރުފިޔާ އާއެކު 8500 ރުފިޔާ 25 އަހަރުތެރޭގައި ދައްކަން އޮތްއޮތުން ސަރުކާރުން ބަދަލުކުރީ 32 އަހަރުގެ ތެރޭގައި މަހަކު 5300 ރުފިޔާ އަދި މެއިންޓެނަންސް ފީ 1000 ރުފިޔާ އާއެކު 6300 ރުފިޔާ ދައްކަން ސަރުކާރުން ނިންމިނިންމުމަކީ ކުލި ކުޑަކުރުންކަމަށް މާނަ ކުރެވޭނެ އެއްވެސް ގޮތެއް އެބައޮތްތޯ ސުވާލުކޮށްފައެވެ.
މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ހިޔާ ފްލެޓުވެރިންނަށް ލިބުނުނަމަވެސް ތަނާއި އެކަށީގެންނުވާ ބޮޑުއަގަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މިކަމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށާއި ހާމައަށް ފެންނަން އޮތީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ކަމަށާއި މިއީ އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
''ހިޔާ ފްލެޓުތަކުގެ ކުއްޔަށް ބަދަލުގެންނާނީ އިންވެސްޓްމަންޓަށް ގެއްލުން ނުވެ، ސަރުކާރަށް ވެސް ގެއްލުން ނުވާ ގޮތަށް''
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ