ނަޝީދު، ޔާމީން އަދި ސޯލިހުގެ ބައްދަލުވުން ފަށައިފި

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރެއްވުމަށްޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުން ފަށައިފި އެވެ.
ތަފްސީލު - އެ ބައްދަލުވުން ފެށީ މިރޭ ގާތްގަނޑަކަށް 8 ޖެހިއިރު، ވެސްޓު ޕާކު ކައިރީގައި ހުންނަ މ. ލާލްޕޫލްގެއާގޭގަ އެވެ.
މިހާރު ކުރިއަށްދަނީ ތިން ރައީސުންގެ މަޝްވަރާތަކެވެ. އެ މަޝްވަރާތަކަށް ފަހު ތިން ބޭފުޅުން އެކުގައި ނޫސްވެރިންނާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މަޝްވަރާ ބައްދަލުވުން ކުރިއަށްދާ ވަގުތު އިމާރާތުގެ ބޭރުގައި މަޑުކޮށްގެން ތިބި އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން އެތަނުން ދުރަށް ޖެއްސުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފާހަގަކުރެވޭ - ކުރީގެ ތިން ރައީސުން މި ބައްދަލުކުރައްވަނީ، ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން ގައުމު ސަލާމަތްކުރުމަށް އެ ތިން ބޭފުޅުން އެކުގައި ނުކުންނަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައި، އެކަމަށް ތައްޔާރަށް ހުންނެވިކަން ޔާމީން ހާމަކުރެއްވުމާ އެކު އެވެ.
ގުޅުންހުރި - ކުރީގެ ތިން ރައީސުންގެ ބައްދަލުވުމެއް ބާއްވާއިރު، ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލައިފަ އެވެ. ސިއްރުކޮށްގެން އެއް ދުވަހެއްގައި ބޭއްވި އަޑުއެހުންތަކެއްގައި އެ ނޫސްވެރިންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ޑޮކިމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ