ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ކަންބޮޑުވާ ކަމެއްގައި އުޅުއްވާ ތަން ނުފެންނަ ކަމަށާއި ދަރަނި އަދާކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުގެ ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް ނަޝީދު، ކެމްޕޭނަށް ކ. މާފުއްޓަށް ވަޑައިގެން މިއަދު ހަވީރު އެހެން ވިދާޅުވެފައިވާ އިރު، މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ވެސް ދައްކައި ހަލާސްކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިދިޔަ ސަރުކާރުން ވިއްކާފައިވާ ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައި ހަލާސްކުރުމުން، މިދިޔަ އޭޕްރީލް މަހު ނަޝީދު ވެސް ވަނީ ސަރުކާރަށް ތައުރީފުކޮށް ވާހަކަދައްކަވައިފައެވެ. އޭރު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ސުކޫކު ބޮންޑުގެ ފައިސާ ފުރިހަމައަށް އަދާކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށާއި އިތުރު ދަރަންޏެއް ނުނަގައި އެކަން ކުރެވުމަކީ ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އާ ގާނޫނުއަސާސީއާ އެކުގައި ދިމާވި ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި ދައުލަތުގެ ދަރަނި ކަމަށާއި މިއަދު ދިވެހިރާއްޖެ މިވަނީ ވަރަށް ބޮޑަށް ދަރާފައި ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށްވުރެ ބޮޑަށް މި ދަރަނި މިވަނީ އުފުލިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދަރަނި އަދާކުރުމުގެ މަސައްކަތް އެ ބުއްދި، އެ ވިސްނުން، އެއީ އަނެއްކާވެސް އެމްޑީޕީއަށް ނެރެވޭނެ ބުއްދިއެއް، ނެރެވޭނެ ވިސްނުމެއް ކަމަށާއި މިއަދު ރައީސް މުއިއްޒަކަށް އެކަމެއް ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެބޭފުޅާ ރާއްޖޭގެ ދަރަނި އަދާކުރުމުގެ ކަންތައް، ނުވަތަ އެހެން ވެސް ރައްޔިތުންނަށް ކަންބޮޑުވާ ކަމެއްގައި އުޅުއްވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މަސައްކަތުގެ އަމާޒަކަށް ވެފައި ހުންނަނީ ހަމަ ކުރީގައި ވެސް ކުރަމުންދިޔަ ކަންތައްތައް، އެއީ ބިން ހިއްކުން، އެއީ ފަޅު ހެދުން، ބަނދަރު ހެދުން، މަގު އެޅުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގު ހެދުން އަދި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތަކީ ސަރުކާރުތަކުން ވަރަށް ފަރިތަވެފައި ހުރި ކަންކަން ކަމަށާއި އެހެންނަމަވެސް އެކަންކަން ކުރަމުންދާ އިރުގައި، ޖެހިގެން އޮންނަ ރަށުގެ އިގުތިސާދަށް ތަކުލީފަކަށް ވާގޮތަށް ކަންތައްތައް ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ފުށިދިއްގަރުފަޅު ކޮންނަމުން، ހިއްކަމުން އެ ގެންދަނީ އެތަނުގެ ކިސަޑު މާފުށީގެ ފަޅަށް، ފަރަށް މާބޮޑަށް ފެތުރެމުންދާ ގޮތަކަށް ކަމަށާއި އެކަންކަމަކީ ސަލާމަތުގެ ފިޔަވަޅުތައް އެޅުމަށްފަހުގައި ކުރެވޭނެ ކަމެއް ކަމަށްވިޔަސް، ފެންނަމުން މިދަނީ އެ ބާވަތުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި އެ މަސައްކަތްތައް ކުރަމުންގެންދާ ތަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”މާފުށީގެ އިގުތިސާދަށް، މާފުށީގެ ގުދުރަތީ ވަސީލަތްތަކަށް މިދަނީ ވަރަށް ބޮޑު ގެއްލުން ލިބެމުން. އެމްޑީޕީގެ އަމާޒެއް އެއީ މިކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން އުފުލާން ޖެހޭ އަޑު އުފުލަމުން ގެންދިއުން. އަޅުގަނޑުމެންގެ އިހުތިޖާޖުތައް، އަޅުގަނޑުމެންގެ ސީދާ ހަރަކާތްތައް އަޅުގަނޑުމެން ކުރިއަށްގެންދިއުން. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މަސައްކަތް ހީނަރުވުމެއް ނެތި ޖޯޝާއެކީގައި ދާނީ ކުރިއަށް،“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހާރު ވިދާޅުވަނީ ދަރަނި އަދާކުރުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ