2017 ވަނަ އަހަހަރު ރ. މީދު ފެންފިޔާޒުގޭ މުހައްމަދު އަނަސް ލިޓްސް ސާވިސް ސެންޓަރުގެ ތެރޭގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލްކޮށް، އެ އެންމެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އެގޮތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އޭރު އެންގިއެވެ.
ނަމަވެސް ދެވަނަ ފަހަރަށް މިދިޔަ މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ނިންމީ އެ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކެއް ހުރިކަމުގެ ތަފްސީލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ ދައުވާލިބޭ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި އެމީހުންގެ މައްޗަށް ކުރެވެނީ މުޖުތަމައުއެއްގައި ހިނގާނެ އެންމެ ބޮޑު ކުށުގެ ތުހުމަތު ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިތަކަކުން ތުހުމަތުތަކަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އަދި ފަނޑިޔާރު އަލީ ރަޝީދުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދު ތާއިދު ކުރެއްވިއެވެ. އެހެންވެ އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ހައި ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އެ މީހުން ބަންދު ކުރުމަށެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއިދު ކުރައްވައިފައެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ ދަށު ކޯޓުން އެ ހަތް މީހުންގެ މައްޗަށް ސާބިތުނުވީ ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު އެ މީހުން ކުށްކުރި ކަން ސާބިތު ނުވާތީ އެ ސަބަބުގެ މައްޗަށް ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގި މީހުންނަކީ ކޮބައިކަމެއް އެ މައްސަލައިގެ ތެރެއިން ކަށަވަރުވެފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދިޔައިރު އޭގެ ތެރެއިން ގިނަ މީހުން ވަނީ ދަށު ކޯޓުގެ މަރުހަލާގައި ގިނަ އަހަރުތަކެއް ވަންދެން އެ މީހުން ބަންދުގައި ތިބުމުން އިތުރަށް ބަންދު ނުކުރަން އެދިފައެވެ. އަދި ކުށުގެ ވެށީގައި މިހާރު ނޫޅޭ ކަމަށާއި އާ ދިރިއުޅުމެއް ފަށައިގެން ދަރިން ލިބި، މިހާރު ވަޒީފާތަކަށް ވެސް ދާ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވެއެވެ.
އަނަސްގެ މަރު: ދައުވާ ލިބޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ