ރައްޔިތުންނަށް ހައްގުތައް ހޯދައިދޭން މިއަދު މަގުމަތީގައި މަސައްކަތް ކުރަނީ ހަމައެކަނި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީއެންއެފް އިން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ހައްގު ހޯދައިދޭން މަގުތަކަށް ނުކުމެ އުޅެނީ އެމްޑީޕީ ކަމަށާއި، އެހެންވެ، އެ ޕާޓީއާއެކުގައި މަސައްކަތް ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ.
އެމްޑީޕީއާއެކުގައި މަސައްކަތް ކުރައްވަން ރައީސް ޔާމީން ނިންމެވީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ، އެ ހައްގުތައް އިޔާދަ ކުރުމުގެ ގޮތުން ކަމަށް ޕީއެންއެފުން ބުނެފައިވެއެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ރޭ، ރައީސް ޔާމީން ވަނީ އެމްޑީޕީގެ ދެ ސަރުކާރެއްގައި ވެރިކަން ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއި ވެސް ކުރައްވައިފައެވެ.
”އެކަމު ރައްޔިތުންނަށް ހައްގުތަކެއް ހޯދައިދޭން ހަމަ މަގުމަތީގައި ނުކުމެ އުޅެނީ އެމްޑީޕީއޭ. އެހެން ބަޔަކު ނޫޅެއޭ. އެހެންވީމަ، މިހާރު މި އުޅެނީ އެންމެ ބޮޑު ހައްގު ގެއްލިގެން، އެހެންވީމަ، ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކު މަސައްކަތް ނުކުރަންވީ.“ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމްޑީޕީއާ ގުޅިގެން އެމަނިކުފާނު ކުރައްވަނީ އަމިއްލަ މަސައްކަތްޕުޅެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީއާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރައްވާނެ ކަމަށް މީގެ ކުރިން ޔާމީން ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން ޕީޕީއެމްގައި ހުންނެވިއިރު އަބަދުވެސް ވިދާޅުވަމުން ގެންދެވީ، އެމްޑީޕީ އަކީ ގައުމު ފަނާކުރުމުގެ ފިކުރު ކަމަށާއި، ގައުމު ބިނާ ކުރުމުގެ ވިސްނުން ގެންގުޅެނީ، ހަމައެކަނި ޕީޕީއެމުން ކަމުގައެވެ.
އެހެންވެ، އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން އެމަނިކުފާނު ނިންމެވުމުން، ބައެއް ސަޕޯޓަރުން ގެންދަނީ އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.
ރައްޔިތުންނަށް ހައްގު ހޯދައިދޭން މަގުމަތީގައި އުޅެނީ އެމްޑީޕީ އެކަނި: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ