ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ފެނިގެންދިޔަ އެންމެ އަވަސް ލަނޑާ އެކު، 1-0 އިން ސްކޮޓްލެންޑް ބަލިކޮށް މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަަލަށް ދަތުރުކުރި މޮރޮކޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ފަސް ފަހަރު ތަށި ހޯދާފައިވާ ބްރެޒިލާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަނެއްކޮޅުން، ގްރޫޕް ސީގައި ސްކޮޓްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 އިން ހައިޓީ ބަލިކޮށްފަ އެވެ.
އެ ގޮތުން، މޮރޮކޯގެ އިސްމާއިލް ސައިބާރީ ވަނީ، ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 70 ސިކުންތު ތެރޭގައި ގޯލު ޖަހައިފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. އަނެއްކޮޅުން ސައިބާރީ ވަނީ ގްރޫޫޕްގެ ފުރަތަމަ މެޗުގައި، ބްރެޒިލް ކޮޅަށް ވެސް މޮރޮކޯ އަށް ލީޑުނަގައިދީފަ އެވެ. ސްކޮޓްލެންޑްގެ ޑިފެންސް ފަހަތުން ސައިބާރީ އަށް ލިބުނު ޖާގަ އަށް ރަނގަޅު ވަގުތުގައި ދުވެފައި އަރައި، އޭނާ ވަނީ ސްކޮޓްލެންޑްގެ ކީޕަރު، އެންގަސް ގަން ކައިރިން ބާރު ބޯޅައެއް ގޯލަށް ވައްދާލައިފަ އެވެ.
ފުރަތަަމަ ހާފުގައި މޮރޮކޯ އިން އިތުރު ލަނޑެއް ޖަހަން އެޓޭކްތަކެއް ކުރިިއިރު، އަޒެދީން އޮނާހީ އާއި ސައިބާރީ އަދި އަޝްރަފް ހަކީމީ އަށް ލިބުނު ފުރުސަތުތައް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ސްކޮޓްލެންޑަށް ފުރަތަަމަ ހާފުގައި ލަނޑު ޖަހައިދޭން އޭރިއާތެރެއަށް ރަނގަޅު ތަނަށް އަރައި ހުރި ޖޯން މެކްގިން އަށް ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، މޮރޮކޯ އިން އެޓޭކަށް ޖެހިގެން ދެ ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތުގައި، އޭރިއާތެރެއިން ސައިބާރީ ފޮނުވާލި ބޯޅައެއް ސްކޮޓްލެންޑްގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. އަދި، މޮރޮކޯގެ ތަރި، ބްރަހިމް ޑިއާޒް ފޮނުވާލި ޝޮޓްތައް ވަނީ ބްލޮކްވެފަ އެވެ.
ސްކޮޓްލެންޑުން ފަހު ވަގުތު ކުރިއަށްޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެ ގޮތުން، ސްކޮޓް މެކްޓޮމިނޭ ޖެހި ބޯޅައެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ލިންޑަން ޑައިކްސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
މޮރޮކޯ އަށް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މި ވަގުތު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ސްކޮޓްލެންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބްރެޒިލާއި ހަތަރެއްގައި އޮތް ހައިޓީ އަށް ވަނީ އެއް މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
އެންމެ އަވަސް ލަނޑާ އެކު ސްކޮޓްލެންޑް ބަލިކޮށް މޮރޮކޯ އަށް ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ