އެއްބަސްވުން އަވަސް ނުކޮށްފިނަމަ އީރާނުގެ އެއްވެސް އެއްޗެއް ބާކީ ނުހުންނާނެ: ޓްރަމްޕް

އެމެރިކާއާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުން ލަސްކޮށްފި ނަމަ، އީރާނުގެ "އެއްވެސް އެއްޗެއް ބާކީ ނުހުންނާނެ" ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް އާދިއްތަ ދުވަހު ދީފިއެވެ.
ޓްރަމްޕް މިފަދަ އިންޒާރެއް ދިނީ ފެބުރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާއި އިސްރާއިލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ބުނީ އީރާނަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށާއި، އެ ގައުމުން މާ ލަސްނުކޮށް އަވަހަށް ފިޔަވަޅު އެޅުން ބުއްދިވެރިވާނެ ކަމަށެވެ. އަދި ވަގުތަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކޮށް، އެއްބަސްވުމަކަށް ނައިސްފި ނަމަ އީރާނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
​މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 ޕަސެންޓް ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ އިތުރުން، ލުބުނާނަށް ވެސް މި ހަމަލާތަކުގެ އަސަރު ވަރަށް ބޮޑަށް ހީނަރުވެ، އެ ގައުމުގެ މަސްރަހު ވެސް ވަނީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ.
އީރާނުން ޝަރުތުކުރާ ގޮތުގައި ޓްރަމްޕްގެ ސަރުކާރާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތަށް އަމާޒުކޮށްދޭ ހަމަލާތައް ދާއިމީގޮތަކަށް ހުއްޓާލުމުންނެވެ. ނަމަވެސް، ޓްރަމްޕް ބޭނުންވާ ގޮތަށް އެއްބަސްވުމަކަށް އައުމަށް އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްފައި އޮތް ނަމަވެސް، ވޭތުވެދިޔަ ހަފުތާ ބަންދުގައި ހިޒްބުالله އިން ވަނީ އިސްރާއީލަށް އަމާޒުކޮށް 200 އެއްހާ ރޮކެޓް ފޮނުވާލައިފަ އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ނަމަވެސް، ސުލްހައިގެ މަޝްވަރާތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އަދި ދޭތެރެއަކުން ބައެއް ސަރަހައްދުތަކުގައި ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ކަންކަމަށް އެމެރިކާއިން ދިން ރައްދުގައި އެއްވެސް ކަހަލަ ދޫދިނުމެއް ނެތެވެ. ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި އެމެރިކާއިން ހުށަހެޅި 5 ނުކުތާގެ ތެރޭގައި، އީރާނުގައި ހަމައެކަނި އެންމެ ނިއުކްލިއާ ސައިޓެއް ހިންގުމަށާއި، އެ ގައުމުގައި ހުރި މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރިޒާވް އެމެރިކާއާ ހަވާލުކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ