އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ބަހްރެއިން، ކުވައިތު އަދި އުރުދުންއަށް ހަމަލާދީފި
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތަކަށާއި ހުރްމުޒް ކަނޑުއޮޅީގައިވާ ރަށްތަކަށް ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ބަހްރެއިން، ކުވައިތު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި އައިއާރުޖީސީން ބުނެފައިވަނީ، ބަހްރެއިންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށާއި ކުވޭތުގައި ހުންނަ އަލީ އައްސާލިމް ވައިގެ މަރުކަޒަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން އުރުދުންގެ އަޒްރަގްގައި ހުންނަ ވައިގެ މަރުކަޒަށް ދުރު ރާސްތާގެ މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މި ހަމަލާތައް ބަދަލުކުރެވެމުން މިދަނީ، އަންގާރަ ދުވަހު އެމެރިކާގެ އަސްކަރީ 'އަޕާޗީ' ހެލިކޮޕްޓަރެއް ވައްޓާލުމުގެ ޒިންމާ އީރާނުގެ ބޮލުގައި އެޅުވުމަށްފަހު، އެމެރިކާއިން އީރާނުގެ ގަޝްމަށާއި އައްސޭރިފަށުގެ ބަނދަރުތަކަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ ހުރްމުޒް ކަނޑުއޮޅީގައި ހިނގަމުންދާ މި ކުރިމަތިލުންތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އައިއާރުޖީސީން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، އެމެރިކާގެ 21 އަމާޒަކަށް ވަނީ ހަމަލާދީފައެވެ. އަދި އޭގެ ތެރެއިން ހަތަރު ތަނެއް އެއްކޮށް ގޮއްވާލާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި އުރުދުންގެ އަސްކަރީ މަރުކަޒުގައި ހުރި އެފް-35 މަރުކާގެ ފައިޓާ ޖެޓުތައް ބާއްވާ ހެންގަރެއް ހިމެނޭ ކަމަށްވެސް އައިއާރުޖީސީން ބުނެފައިވެއެވެ. މީގެ އިތުރުން، އީރާނުގެ ޖަމް ސިޓީގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާނެ ކަމަށްވެސް އައިއާރްޖީސިން ބުނެފައިވެއެވެ. އަނެއްކޮޅުން، އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ސިރިކް އަވަށުގައި ހުރި މުވާސަލާތީ ޓަވަރަކަށާއި ފެން ރައްކާކުރާ ދެ ތާނގީއަކަށް ގެއްލުންވެފައިވާ ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ. މީގެ އިތުރުން ޖާސްކް އަދި ބަންދަރު އައްބާސް ސަރަހައްދުގައިވެސް ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކައިރީގައިވާ ރަށްރަށަށް އީރާނުގެ މިސައިލެއް ވެއްޓިފައިވާ މަންޒަރު. ފޮޓޯ/ރޮއިޓާސް އެމެރިކާއިން ކުރިއަށް އޮތް ތަނުގައި އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، އޭގެ ރައްދުގައި ވަރުގަދަ ހަމަލާއެއް ދިނުމަށް އީރާނުގެ ސިފައިން ތައްޔާރަށް ތިބި ކަމަށް އެ ބަޔާނުގައި އިންޒާރުދީފައިވެއެވެ. އަދި މަސްރަހު އިތުރަށް ގޯސްވެއްޖެނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިން ކަމަށްވެސް އީރާނުން ބުނެފައިވެއެވެ. މި ހަމަލާތަކަކީ އެމެރިކާއިން އީރާނުގެ ބަންދަރު އައްބާސް އަދި ގަޝްމް ރަށަށް ދިން ހަމަލާތަކާ ގުޅިގެން ދިން ރައްދެއް ކަމަށް އީރާނުން ސިފަކުރެއެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުން އަޒްރަގް ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ފަސް މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ. މި އޮޕަރޭޝަންގެ ސަބަބުން މިސައިލްގެ ބައިތައް ބިމަށް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މާއްދީ ގެއްލުމެއް ލިބިފައި ނުވާ ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. ހަމައެއާއެކު، ބަހްރެއިން އަދި ކުވޭތުގައިވެސް ވައިގެ ހަމަލާއެއްގެ އިންޒާރުދޭ ސައިރަންތައް ވަނީ އަޅާފައެވެ. ކުވޭތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ދުޝްމަނުންގެ އުޅަނދުތަކަކަށް ހުރަސްއަޅައި ވައްޓާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގަލްފުގެ ގައުމުތަކުން މި ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޓްރިޓާ ޕާސީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކަށް އީރާނުން ވަގުތުން ރައްދުދިނުމަކީ އީރާނުގެ އާ ސިޔާސަތެއް ހާމަކޮށްދޭ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކާ އެއްވަރުގެ، ނަމަވެސް ވަރަށް ހަރުކަށި އަދި އަވަސް ރައްދެއް ދޭންޖެހޭނެ ކަމަށް އީރާނުން މިހާރު ގަބޫލުކުރެއެވެ. އެހެން ނޫންނަމަ، އެމެރިކާއަށް އެއްވެސް ހުރަހަކާ ނުލައި އީރާނަށް ހަމަލާދެވޭނެ އާ އާދައެއް ގާއިމުވެގެންދާނެ ކަމަށް އީރާނުން ދެކޭ ކަމަށް ޕާސީ ވިދާޅުވިއެވެ. އީރާނަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއެއްގެ ބޮޑުކުޑަމިނަށް ނުބަލައި، އެއަށް ރައްދުދޭނެކަން އީރާނުން ސާފުކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ހަމަލާތައް ބަދަލުކުރެވިފައި މިވަނީ، އޭޕްރީލް މަހު ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު އީރާނާއި އިސްރާއީލާ ދެމެދު އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރެވުނުތާ އެއް ދުވަސް ފަހުންނެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލާއި ކާބޯތަކެތީގެ އަގު ވަނީ އުފުލިފައެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރާ ގާތްކުރާ މިންވަރެއްގައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތައް ލަސްވެފައިވާއިރު، ލުބުނާނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތައް ވަރުގަދަކުރުމުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކާއެކުވެސް، ފުރިހަމަ ހަނގުރާމައަކަށް ދާން އެއްވެސް ފަރާތަކުން ބޭނުމެއް ނުވެއެވެ. އީރާނުން ދިން ރައްދު ހަމަލާތަކަށްފަހު އެމެރިކާއިން އޮޕަރޭޝަން ނިންމާލާނީތޯ ނުވަތަ އާ ހަމަލާތަކެއް ދޭނީތޯ ކުރިއަށް އޮތް ވަގުތުތަކުގައި ސާފުވެގެންދާނެއެވެ. މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، އެމެރިކާއިން މި ހަމަލާތަކަށް އަސްކަރީ ރައްދެއް ދޭނެތޯ ނުވަތަ މަސްރަހު ފިނިކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކަށް ޖާގަދޭނެތޯއެވެ. އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް އީރާނުގެ ހަމަލާތަކަށް ރައްދުދީފައި ނުވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެ ފަރާތަށްވެސް ބާރުއަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ