ވޯލްޑް ކަޕް 2026: ކޯޗު ޓުޗެލްގެ ނަޒަރުގައި އިންގްލެންޑަކީ މިފަހަރުގެ ފޭވަރިޓެއް ނޫން

ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރާނެ ކަމަށް ޓީމުތަކުގެ ފެވަރިޓުންގެ ތެރޭގައި މިފަހަރު އިންގްލެންޑް ނުހިމެނޭ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ތައްޔާރުވާ މި މުބާރާތުގައި އިންގްލެންޑް ޓީމާ ގުޅޭގޮތުން ވާހަދައްކަމުން ޓުޗެލް ވަނީ އެ ޓީމަށް ބޭރުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާ ކަމަށާއި މަސައްކަތްކުރަނީ ވީ އެންމެ ބޮޑަކަށް އެ ޕްރެޝަރު ކުޑަކުރުމަށް ކަމަށެވެ. އެމެރިކާގެ އޯލަންޑޯގައި ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ ފަހު ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ، 1966 ގެ ފަހުން އިންގްލެންޑުން ބޮޑު މުބާރާތެއް ކާމިޔާބު ނުކުރާތާ 60 އަހަރު ވެފައިވާއިރު، އެހެން ގައުމުތަކާ އަޅާބަލާއިރު އިންގްލެންޑަށް ފޭވަރިޓުންގެ ލަގަބު ނުދެވޭނެ ކަމަށެވެ. މުބާރާތުގައި މީގެ ކުރިން ތަށި އުފުލާލާފައިވާ ވަރުގަދަ ޓީމުތައް އެބަތިބި ކަމަށާއި، ހަގީގީ ފޭވަރިޓުންނަކީ އެއީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އިންގްލެންޑަކީ ތަށްޓަށް ވާދަކުރެވޭނެ ފަދަ ވަރުގަދަ ޓީމެއް ކަމަށާއި، އެ ކާމިޔާބީ ލިބިއްޖެނަމަ އެއީ ބޮޑު އުފަލަކަށްވާނެ ކަމަށެވެ. އިންގްލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ 2020 އަދި 2024 ގެ ފައިނަލުގައި ބަލިވެ، އަދި 2022 ގެ ގަތަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފްރާންސް އަތުން ކަޓާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ވަނީ އިންގްލެންޑްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ބުކާޔޯ ސަކާގެ ފިޓްނަސްއާ މެދު އޮތް ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުކޮޅު އާސެނަލްއަށް ގިނަ މެޗުތަކެއް ގެއްލުނު 24 އަހަރުގެ ސަކާ، ގައުމީ ޓީމާ ގުޅުނީ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު ލިބުނު ޗުއްޓީ ނިންމާފައެވެ. ޓުޗެލް ބުނީ ސަކާ އަދިވެސް ކުޅެމުންދަނީ ކުޑަ އަނިޔާއަކާއެކު ކަމަށާއި، އޭނާ އަދި އެއްކޮށް ފިޓުނޫން ކަމަށެވެ. އަދި އާސެނަލްއިން އޭނާއަށް ވަރަށް ބޮޑަށް ބަލައިގެން ކަންތައްތައް ކުރި ނަމަވެސް، ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ސަކާ ފަށައިގެން ނިންމާލުމަކީ "ނާދިރު ކަމެއް" ކަމަށް ޓުޗެލް އެއްބަސްވިއެވެ. އިންގްލެންޑް ޓީމު މިހާރު ފްލޮރިޑާގެ މިއާމީގައި ފައިނަލް ކޭމްޕް ފުރިހަމަކުރަމުންދާއިރު، ޓީމުގައި ޖުމްލަ 31 ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި މުބާރާތަށް ނެގި 26 ކުޅުންތެރިންގެ އިތުރުން ތަޖުރިބާ ހޯދުމަށް ގެންގޮސްފައިވާ އެތަން އެންވަނޭރީ އަދި ރިއޯ އެންގުމޯހާ ފަދަ ޒުވާން ކުޅުންތެރިން ހިމެނެއެވެ. ފުރަތަމަ ވޯމްއަޕް މެޗުގައި ނިއުޒީލޭންޑް އަތުން 1-0 އިން މޮޅުވި މެޗުގައި ކުޅުންތެރިންނަށް ދިނީ 45 މިނެޓު ނަމަވެސް، ކޮސްޓަރިކާ މެޗުގައި ބައެއް ކުޅުންތެރިންނަށް 60 މިނެޓަށް ވުރެ ގިނައިން ކުޅުމުގެ ފުރުސަތު ދޭނެ ކަމަށް ޓުޗެލް ބުންޏެވެ. އިންގްލެންޑުން ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ