ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަކަށް ނޫން: މިނިސްޓަރު އަމީން

ނިމިދިޔަ ސަރުކާރުގައި ތަރައްގީކުރަން ފަށައި، މި ސަރުކާރުގައި ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިގު ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހަނިމާދޫ އެއާޕޯޓުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް ނުވަތަ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރަން ބޭނުންވާނަމަ، އެތަން އަލުން ތަރައްގީކުރަންޖެހޭ ކަމަށެވެ. "އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޖެނުއަރީ 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. މި މަޝްރޫއުގެ ދަށުން އެޅި 2.46 ކިލޯމީޓަރުގެ ރަންވޭއަކީ އޭ320 އަދި ބޮއިން 737 ފަދަ ނެރޯ ބޮޑީ ބޯޓުތަކަށް ހިދުމަތް ދެވޭނެ ފެންވަރުގެ ރަންވޭއެކެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޗައިނާ ފަދަ ދުރު ގައުމުތަކުން އަންނަ އެއާބަސް އޭ330، އޭ340 ނުވަތަ ބޮއިން 777 މަރުކާގެ ބޮޑެތި ބޯޓުތައް މިހާރު ހަނިމާދޫ އެއާޕޯޓަކަށް ނުޖެއްސޭނެއެވެ. އެހެންކަމުން، ޗައިނާ ނުވަތަ ކޮލަމްބޯ ފަދަ މަންޒިލްތަކުން ބޮޑެތި ބޯޓުތަކުގައި ސީދާ ދަތުރުތައް ފެށުމަކީ އެއީ މިހާރު އޮތް ޑިޒައިނުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ހަނިމާދޫ އެއާޕޯޓުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ ޓާމިނަލަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީ ހުރި ތަނެކެވެ. މި ޓާމިނަލްގައި ޗެކިން ކައުންޓަރުތަކާއި ޑިއުޓީ ފްރީ ފިހާރަތަކުގެ އިތުރުން ކާގޯ ޓާމިނަލެއް ވެސް ހިމެނެއެވެ. އެހެންނަމަވެސް، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ އެއާޕޯޓު ޑިޒައިންކޮށް ހުޅުވާފައިވަނީ ހަމައެކަނި ކުދި މަތިންދާބޯޓުތަކަށް ހިދުމަތް ދެވޭނެ ފެންވަރަށް ކަމަށެވެ. މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ ވެސް އެކީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ