ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލުމުން ހޯރަފުށި ކައުންސިލުން ފެނަކަ ގޮވައިގެން ޝަރީއަތަށް ދަނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލުމުން ހޯރަފުށި ކައުންސިލުން ފެނަކަ ގޮވައިގެން ޝަރީއަތަށް ދަނީ

ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެނަކައިން އެ ނިންމުން ނިންމާފައި ވަނީ އެއްވެސް ވަރަކަށް އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
"މި ޕްރޮޖެކްޓު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ދެފަރާތުން އެއްބަސްވެވިފައިވާ ހިނދު މި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ނިންމައި، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން މުރާޖާކޮށް އެ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީ އާއި ޑިރެކްޓަރުންނަށް ގޮވައިލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން ހއ. ހޯރަފުށި ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލާ އެއްގޮތަށް އެރަށުގައި ގާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓުގައި އެ ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮވެ އެވެ. ބާކީ ހިއްސާ އޮންނަނީ ފެނަކަ ކޯޕަރޭޝަންގެ އެވެ. އެ ޕްލާންޓު ހިންގުމަށް އެއްބަސްވެފައި އޮތީ ފެނަކަ އާއި ހޯރަފުށި ކައުންސިލް ގުޅިގެންނެވެ.
ހޯރަފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޕްލާންޓުގެ މަސައްކަތް ހުރީ ނިމުމާ ވަރަށް ގާތްވެފައި ކަމަށާއި މި އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޕްލާންޓު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށޭނެ ކަމުގެ ޔަގީންކަން ފެނަކައިގެ އެމްޑީ، ނަޖާހު އެ ކައުންސިލަށް ދިން ކަމަށެވެ.
އެ ޔަގީންކަން ދިނުމަށްފަހު އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެ ޕްލާންޓުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާ ހިލާފުވެވަޑައިގެން ރައްޔިތުން ނިކަމެތި ކުރަމުން ދާތީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ