އެމްޑީޕީ އޮތީ އެކަތިގަނޑެއް ގޮތުގައި: ރައީސް ސޯލިހު

ސަރުކާރުން އެމްޑީޕީއާއި ދެކޮޅަށް ސިޔާސީ ދައުވާކުރުމާއި ބިރުދެއްކުމަކީ އައުކަމެއް ނޫނެވެ. ބިރުން ފަސްޖެހުމަކީ އެމްޑީޕީގެ ސިފައެއް ނޫނެވެ. އަނިޔާވެރި ވެރިން މައިތިރިކޮށް ހަމަމަގަށް އެޅުވުމަކީ އެމްޑީޕީގެ ސިފައެވެ. އެމްޑީޕީއަކީ ދައްކާ ބިރަކަށް ސިހި ފަހަށްޖެހޭ ބައެއްވެސް ނޫނެވެ. މިނުނު ނާޅިއަކުން މިނަން އެމްޑީޕީއަށް އެގެއެވެ. 
ވެރިކަން ރީތި ގޮތުގައި ކުރުމަށް ފުރުސަތުދީގެން ތިބެން އެމްޑީޕީއަށް އެނގެއެވެ. ވެރިކަން މަގުން ކައްސާލީމާ ޖަވާބުދާރީ ކުރުވަންވެސް އެމްޑީޕީ ދަނެއެވެ. ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަކީ އެމްޑީޕީއަށް ނިކަން ފަރިތަކަމެކެވެ. އަޑުނީވޭ ވެރިންނަށް އަޑު އިއްވަންވެސް ވަރަށް ފަރިތަވާނެއެވެ. ސުލްހަވެރި އެއްވުމަށާއި މަދަނީ ބަސްނޭހުމަށްވެސް އެމްޑީޕީ މޮޅުވާނެއެވެ. 
އެމްޑީޕީއަކީ ރައްޔިތުންގެ ހެވާއި ލާބައަށް އެންމެ ގިނަ މަސައްކަތްކުރާ ޑިމޮކްރެޓިކް ހަމަ ގަބޫލުކުރާ ސުލްހަވެރި ސިޔާސީ ޕާޓީއެވެ. ގައުމުގެ ކަންކަން ފާލުންނައްޓާ ހީރަސް ކެނޑިގެން ޑަތަން ބަލާކަށް އެމްޑީޕީ ނުއޮންނާނެއެވެ. އަނެއްކޮޅުން އެމްޑީޕީއަކީ ވަކިމީހަކު ބާރުވެރިވުމަށް އޮންނަ ސިޔާސީ އައްޑަނައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ލީޑަރަކަށް ވެވޭގޮތަށް ތަރުތީބުވެފައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. 
އެމްޑީޕީގެ ތެރެ ރޫޅާލާ ބައިބައިކުރަން އުޅޭ ކޮންމެ ބަޔަކު ޖެހޭނީ ފޭލިވާށެވެ. އެތެރޭގައި ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް ގައުމީ ޕާޓީގެ ހަމަތައް ނަގަހައްޓާ ޒިންމާދާރު ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ސިޔާސީ ވާދަވެރި ކަމަށް އެންމެ ބޮޑަށް ފުރުސަތު އޮތް ޕާޓީއަކީ ވެސް އެމްޑީޕީއެވެ. 
އެމްޑީޕީގެ ބާރު ކަނޑުވާލުމަށް ވާދަވެރިން ދަމާ ގުއިރޯނުގައި އެމްޑީޕީއެއް ނުޖެއްސޭނެއެވެ. އެމްޑީޕީ ޖަނާޒާކުރަން އުޅުނު މީހުންނާއި ރޫޅަން އުޅުނު މީހުނަށް ވީގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެތެޜޭން ވިޔަސް ބޭރުން ވިޔަސް އެމްޑީޕީގެ ވާގިނައްތާލަން ކުރާކޮންމެ ކަމެއް ފޭލިކޮށްލުމުގެ ހިތްވަރު އެމްޑީޕީގައި ހުރެއެވެ. 
އަޑު ކަނޑުވާލުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި މަންދީ ޒުބައިރާއި މާޒް ސަލީމް ފަދަ އިސްއެކްޓިވިސްޓުންނާ ދެކޮޅަށް ސިޔާސީ ދައުވާކުރިޔަސް އެމްޑީޕީ ފުކެއްވެސް ފަހަތަކަށް ނުޖެއްސޭނެއެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދާއި ރައީސް ސޯލިހު ވިދާޅުވާހެން މުޅި އެމްޑީޕީ އޮތީ އެކަތި ގަޑެއްގެ ގޮތުގައެވެ. އޮޅެގެން ނޫޅޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ