އީސްޕޯޓްސް: ގޭމެއްގެ އިތުރުން ގިނަގުނަ އެތައް ފައިދާތަކެއް! އީސްޕޯޓްސް: ގޭމެއްގެ އިތުރުން ގިނަގުނަ އެތައް ފައިދާތަކެއް!

އީސްޕޯޓްސް ނުވަތަ އިލެކްޓްރޯނިކް ސްޕޯޓްސްގެ މަގުބޫލުކަން މި ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ވެސް އަވަސް ދުވެއްޔެއްގައި އަންނަނީ އިތުރުވަމުންނެވެ. ކުރީގެ ޒަމާންތަކުގައި، ގިނަ މީހުން ވީޑިއޯ ގޭމް ކުޅުން ދެކެފައިވަނީ ޒުވާނުންގެ ވަގުތު ބޭކާރުކޮށްލާ، ހަމައެކަނި މުނިފޫހިފިލުވުމަށް ކުރާކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި، އީސްޕޯޓްސްގައި ބައިވެރިވުމުން ކުޑަކުދިންނާއި ޒުވާނުންނަށް ސިކުނޑިއާއި ޖިސްމާނީ އަދި އިޖުތިމާއީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ.
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޮޑެތި އީސްޕޯޓްސް މުބާރާތްތަކުގައި ބޮޑެތި އިނާމުތައް ހިމެނޭއިރު، މި ދާއިރާއަކީ ޕްރޮފެޝަނަލް ކެރިއާއެއްގެ ގޮތުގައި ކުރިއަށްދެވޭ ދާއިރާއަކަށް ވެސް ވަނީ ވެފައެވެ.
އީސްޕޯޓްސްގެ ސަބަބުން ކުދިންގެ ކިބައިގައި ސްޓްރެޓެޖިކް ވިސްނުން އިތުރުވެ އެވެ. ގޭމްތަކުގައި ކުޅުންތެރިން ޕްރެޝަރުގެ ދަށުން އަވަސް ނިންމުންތައް ނިންމަން ޖެހެ އެވެ. އިދިކޮޅު ފަރާތަށްވުރެ ދެ ފިޔަވަޅު ކުރިއަށް ވިސްނައި ގޭމުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހަރަކާތްތެރިވާން ޖެހެ އެވެ.
މީގެއިތުރުން އީސްޕޯޓްސްގެ ސަބަބުން ހޭލުންތެރިކަން އިތުރުވެއެވެ. ގޭމްތަކުގައި ކޮމްޕްލެކްސް މާހައުލުތަކުގައި ހަރަކާތްތެރިވާން ޖެހުމާއި އެކިއެކި އެއްޗެހި ބަލަހައްޓަން ޖެހުމުގެ ސަބަބުން މި ހުނަރު އިތުރުވެއެވެ.
އަތާއި ލޮލުގެ ކޯޑިނޭޝަން ރަނގަޅުވުމަކީ ވެސް އީސްޕޯޓްސްގެ ސަބަބުން ލިބޭ ފައިދާއެކެވެ. އަވަސް ހަރަކާތްތައް ހިމެނޭ ގޭމްތަކުގައި ލޮލަށް ފެންނަ އެއްޗަކަށް އަވަހަށް އަތުން ރިއެކްޓްކުރަން ޖެހެއެވެ.
އީސްޕޯޓްސްގެ ގިނަ ގޭމްތަކުގައި ކުޅުންތެރިން އެއްބާރުލައިގެން މަސައްކަތްކުރަން ޖެހެއެވެ. ޓީމްތައް އެކުވެގެން ޗެލެންޖްތައް ހައްލުކުރަން ޖެހުމުގެ ސަބަބުން ޓީމްވޯކް ހުނަރުތައް ތަރައްޤީވެއެވެ.
މުވާޞަލާތުކުރުމުގެ ހުނަރަކީ ވެސް އީސްޕޯޓްސްގެ ސަބަބުން އިތުރުވާ މުހިންމު ހުނަރެކެވެ. ކުޅުންތެރިން މަޢުލޫމާތު ހިއްސާކޮށް، ސްޓްރެޓެޖީތައް މަޝްވަރާކޮށް، ހަރަކާތްތައް ގުޅުވާލަން ޖެހެއެވެ.
އީސްޕޯޓްސްގައި ހިމެނޭ ކޮމްޕްލެކްސް ގޭމްޕްލޭ އާއި މެކޭނިކްސްގެ ސަބަބުން މައްސަލަ ހައްލުކުރުމުގެ ހުނަރުތައް އިތުރުވެއެވެ. ގޭމްތަކުގައި ކޮމްޕްލެކްސް ޗެލެންޖްތައް ހިމެނޭއިރު އީޖާދީ ހައްލުތައް ބޭނުންވެއެވެ. ކުޅުންތެރިން އާ ހާލަތްތަކާ ކުރިމަތިލާއިރު ސްޓްރެޓެޖިކްކޮށް ވިސްނައި އަވަސް ނިންމުންތައް ނިންމަން ޖެހެއެވެ.
އީސްޕޯޓްސްއަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރާކަމެއް ނޫނެވެ. މިއީ ދުޅަހެޔޮ ވާދަވެރިކަމެއް އުފެއްދުމަށް މަގުފަހިވާ ކަމެކެވެ. ކުޅުންތެރިން އަބަދުވެސް ތަރައްޤީވުމަށާއި އެމީހުން ކުޅޭ ގޭމްތަކުން މޮޅުވުމަށް މަސައްކަތްކުރުމަށް ހިތްވަރު ލިބެއެވެ.
މި ވާދަވެރި މާހައުލުގައި ކުދިން އަމިއްލަ ލަނޑުދަނޑިތައް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރެއެވެ. އީސްޕޯޓްސްގައި އުފެދޭ ވާދަވެރި ރޫހު ދިރިއުޅުމުގެ އެހެން ދާއިރާތަކުގައިވެސް އެކުދިންނަށް ބޭނުންތެރިވެދާނެއެވެ.
އީސްޕޯޓްސްގެ ސަބަބުން ކުދިންނަށް ލަނޑުދަނޑިތައް ކަނޑައެޅުމާއި ފޯރި ހިފެހެއްޓުމުގެ މުހިންމުކަން ދަސްވެ އެވެ. މީގެ އިތުރުން ހުރަސްތަކުން އަރައިނުގަނެވި ދަތިވިޔަސް، ކުރިއަށް ދިއުމުގެ ފޯރި ދަމަހައްޓަން ދަސްވެއެވެ.
ބައެއް ކުދިން ހަމައެކަނި ގޭމްކުޅުމުގެ އިތުރުން، ކިޔެވުމާއި އެހެން ކަންކަމުގައިވެސް މިފަދަ ރޫހެއް އުފައްދަ އެވެ. ޗެލެންޖްތަކާ ކުރިމަތިލުމާއި، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ހުނަރު ދަސްކުރެއެވެ.
އީސްޕޯޓްސްގެ ސަބަބުން ކުދިންގެ ސިކުނޑީގެ ހުނަރުތައް ތަރައްގީވެ، ޓީމްވޯކާއި، މުވާސަލާތުކުރުމާއި، މައްސަލަ ހައްލުކުރަން ދަސްވެ އަދި ދުޅަހެޔޮ ވާދަވެރިކަމެއް އުފެދޭއިރު، މި ހުނަރުތަކަކީ ދިރިއުޅުމުގެ އެހެން ދާއިރާތަކުގައިވެސް ވަރަށް ބޭނުންތެރި ހުނަރުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ