އާސެނަލް ކަޓުވާލައި ނިއުކާސަލް ފައިނަލަށް އާސެނަލް ކަޓުވާލައި ނިއުކާސަލް ފައިނަލަށް

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ވެސް އާސެނަލް އަތުން 2-0 އިން މޮޅުވެ، އެ ޓީމު ކަޓުވާލުމަށް ފަހު، ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ވެސް ނިއުކާސަލް މޮޅުވީ 2-0 އިންނެވެ. އެހެންކަމުން، ފައިނަލަށް އެ ޓީމުން ދަތުރުކުރީ އެގްރިގޭޓް ނަތީޖާ އަށް ބަލާއިރު، 4-0 އިން މޮޅުވެގެންނެވެ.
ނިއުކާސަލް ދަނޑުގައި ރޭ އެ ޓީމުން ފުރަތަމަ ގޯލެއް ޖެހި އެވެ. އެކަމަކު، އަލެކްސަންޑަ އިސާކް ޖެހި ގޯލު ބަލައިނުގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.
އާސެނަލަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑަށް ހުސް ފުރުސަތެއް ލިބި އޭނާ ފޮނުވާލި ޝޮޓް ދަނޑިއަށް އަމާޒުވިއިރު، އޭގެ އިރުކޮޅެއް ފަހުން، ނިއުކާސަލް އިން ލަނޑު ޖެހި އެވެ. މިއީ، އިސާކް ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޖޭކަބް މާފީ ކާމިޔާބުކުރި ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން ލަސްތަކެއް ނުވެ، ނިއުކާސަލް އިން ދެ ވަަނަ ގޯލެއް ޖެހި އެވެ. މިއީ، އާސެނަލްގެ ޑެކްލަން ރައިސް ހެދި ގޯހަކުން، ނިއުކާސަލްގެ އެންތަނީ ގޯޑަން ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ކުރިން ވެސް އާސެނަލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ގޯޑަން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ.
ނިއުކާސަލް އިން 56 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދުމާ ގާތަށް ވަނީ ޖެހިލައިފަ އެެވެ. ފައިނަލުގައި އެ ޓީމުން ކުޅޭނީ ލިވަޕޫލް ނޫނީ ޓޮޓެންހަމްއާ އެވެ. އާސެނަލުން 1993 ވަނަ އަހަރުގެ ފަހުން އަދި ލީގު ކަޕް ކާމިޔާބުކޮށްފައިނުވެ އެވެ. އެންމެ ފަހުން އެ ޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅުނީ 2018 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ