ސަރަހައްދީ އިސްލާމިކް ފައިނޭންސް ހަބަކަށް ހަދަން 250 މިލިއަންގެ މަޝްރޫއެއް ފަށައިފި

ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިން ހަބަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން 250 މިލިއަން ރުފިޔާގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - 'މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝިއޭޓިވް' ނުވަތަ 'މިސްފީ'ގެ ނަމުގައި މި މަޝްރޫއު މިއަދު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސަރުކާރުން ބުނި ގޮތުގައި، މިއީ މެލޭޝިޔާގެ ބޭންކެއް ކަމަށްވާ، ބޭންކް އިސްލާމްގެ ސަދަގާތު ހައުސްއަށް ކޮށްފައިވާ ދިރާސާތަކަކަށް ފަހު ފަށާ ބޮޑު މަޝްރޫއެކެވެ.
ތަފްސީލް - މިފްސީ މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ބައިވެރިވެ އެވެ. އެގޮތުން:
މުޖުތަމައުގައި ތިބި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ފައިސާ ބީއެމްއެލް އިން ދޫކުރާނެ
އެމްއައިބީން ދޫކުރާނީ 30 މިލިއަން ރުފިޔާ
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް 20 މިލިއަން ރުފިޔާގެ ފައިސާ ދޫކުރާނެ
ބުނީ ކީކޭ؟ - ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ ގައުމުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
ރާއްޖޭގެ އެއްބައިވަންތަކަމުގެ އަސާސަކީ އެކުވެރިކަމާއި އިންސާފާއި އަދި އިޖްތިމާއީ ހަމަހަމަކަން
މިއީ އިސްލާމީ އިޖްތިމާއީ މާލިއްޔަތުގެ ވެސް އަސާސްތައް
އެހެންވެ، މި މަޝްރޫއުގެ ދަށުން ވެސް މި އަސާސްތައް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ
"އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން، މާލީ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާ ދެމެދު މުހިއްމު ގުޅުންތަކެއް ގާއިމުވެ، މުޖުތަމައުގެ އެކި ބޭނުންތައް ފުއްދުމަށް މަގުފަހިވާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖެއަކީ ސަރަހައްދީ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ހެދުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މިއީ އެމްއެމްއޭގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަމެއް
މި މަޝްރޫއުގެ ސަބަބުން އެންމެންގެ އިގްތިސޯދީ ބައިވެރިވުން އިތުރުކުރެވޭނެ
މަޝްރޫއުގެ މައިގަނޑު އަމާޒަކީ، މުޖުތަމައުގެ ކޮންމެ މީހަކީ ވެސް ގައުމުގެ އިގްސޯދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ