ބަންގްލަދޭޝްގައި ސްޓާލިންކް ތައާރަފްކޮށްފި

ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި، ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް، ސްޓާލިންކް ބަންގްލަދޭޝްގައި ތައާރަފުކޮށްފި އެވެ.
އެ ހިދުމަތް ބަންގްލަދޭޝްގައި ތައާރަފުކުރަނީ، އިތުބާރު ހިފޭ އަދި މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ކަމަށް އެ ގައުމުން ބުނެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ މިދިޔަ އަހަރު ވެރިކަމުން ބޭލުމަށް ފަހު އެ ސަރުކާރު ހިންގަވަނީ މުހައްމަދު ޔޫނުސް އެވެ. ޔޫނުސް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މުސްތަގުބަލުގައި ސިޔާސީ ހަލަބޮލިކަމެއް އުފެދުނަސް، ހިދުމަތް ބުރޫ ނާރާނެ ކަމަށެވެ.
"ސްޓާލިންކްގެ ހައިސްޕީޑް އިންޓަނެޓް މިހާރު ބަންގްލަދޭޝްގައި ލިބެން ހުންނާނެ،" އެ ކުންފުނިން ބުންޏެވެ.
ބަންގްލަދޭޝްގެ ހުރިހާ ހިސާބެއްގައި މިހާރު އެ ހިދުމަތް މަހަކު 35 ޑޮލަރަށް ލިބޭ ޕެކޭޖްތައް ދޭން ފަށާނެ ކަމަށް ޔޫނުސްގެ އެހީތެރިޔާ ފާއިޒް އަހްމަދު ތައިއިބު ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން ޕްރިމިއަމް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ހޯދުމުގެ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ ޔޫނުސް އިންތިގާލީ ސަރުކާރުގެ ލީޑަޝިޕާ ހަވާލުވީ ހަސީނާ އަވަށްޓެރި އިންޑިއާ އިން ހިމާޔަތް ހޯއްދެވުމަށް ފަހު މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިދިޔަ ޖުލައި މަހު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގި މުޒާހަރާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އިންޓަނެޓާއި ޓެކްސްޓް މެސެޖިންގެ ހިދުމަތް މެދުކަނޑާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ