މެކްސިކޯ ސިޓީ، މެކްސިކޯ (ފެބްރުއަރީ 8) - ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް، މެކްސިކޯގެ ކްލަބް، މޮންޓެރޭ އަށް ކުޅެން އެއްބަސްވެ، އެ ޓީމަށް ރެއާލް މެޑްރިޑާ ގުޅޭ ޖޯޒީ ނަމްބަރަކަށް ކުޅެން ނިންމައިފި އެވެ.
ރާމޯސް، 38، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ.
ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ.
އެކަމަކު، ކުރިން މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކަށް ކުޅުނު މާޓިން ޑެމިކޭލިސް ކޯޗުކޮށްދޭ މޮންޓެރޭގެ އޮފާ ލިބުމުން ރާމޯސް ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ޓީމަށް 93 ނަމްބަރު ޖޯޒީގައި ކުޅެން ރާމޯސް ވަނީ ނިންމައިފަ އެވެ. އެ ޖޯޒީ ނަމްބަރަކީ ރެއާލަށް ކުޅެމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރާމޯސް ލަނޑު ޖެހި މިނިޓް ރަމްޒު ކޮށްދޭ ނަމްބަރެވެ.
މޮންޓެރޭ އަށް ރާމޯސް ކުޅެދޭން ނިންމާފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ޓީމު މި ވަގުތު މެކްސިކޯ ލީގުގައި އޮތީ 10 ވަނައިގަ އެވެ.
ރާމޯސް މެކްސިކޯގެ ކްލަބަކަށް، ބޭނުންކުރަނީ ރެއާލާ ގުޅޭ ނަމްބަރެއް ރާމޯސް މެކްސިކޯގެ ކްލަބަކަށް، ބޭނުންކުރަނީ ރެއާލާ ގުޅޭ ނަމްބަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ