ބައި އިލެކްޝަނުން ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ.މުއިއްޒުގެ މަރުޙަބާ!

މިއަދު ކުރިއަށްދިޔަ 12 ރަށެއްގެ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ އިންތިހާބު ވެރިކަންކުރާ ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބައި އިލެކްޝަނުގެ މެޖޯރިޓީ ގޮނޑިތައް ޕީއެންސީގެ މެމްބަރުން ކާމިޔާބުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެސްސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވީ، ބައި އިލެކްޝަން ބައްވަން ކަނޑައެޅި37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި އަދި އިންތިހާބުގައި ވާދަކޮށްގެން 9 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ. ރައީސް ވަނީ އިންތިހާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވައި، އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި، އަދި ވޯޓުލުމުގައި ބައިވެރިވީ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑރ.މުއިއްޒުގެ ޕޯސްޓް
ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން 13 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 9 ގޮނޑި ނަގާފައެވެ. އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް 2 ގޮނޑި ލިބުނުއިރު، އަމިއްލަގޮތުން ވާދަކުރި ދެ ކަނޑިޑޭޓަކުވެސް އިންތިހާބު ކާމިޔާބުކޮށްފައެވެ.
އިންތިހާބުގައި ޕީއެންސީން ނެގި ގޮނޑިތަކުގެ ތެރޭގައި ހިމެނެނީ، ނ.ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑީގެ އިތުރުން، ލ.ގަމު، ނ.ފޮއްދޫ، ގއ.ކަނޑުހުޅުދޫ، ހދ.ހިރިމަރަދޫ، ތ.ބުރުނީ، ބ.ގޮއިދޫ، އަދި ރ.އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތަކެވެ. އެމްޑީޕީން ކާމިޔާބުކުރީ އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ