މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެނގުން މުހިއްމު - ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެއްބަސްވުމުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލު ސަރަހައްދުން ފެށިގެން މާލޭ މަސްމާރުކޭޓާ ހަމައަށް ތާރުއަޅާނެ އެވެ. އެއީ 830 މީޓަރުގެ ސަރަހައްދެކެވެ.
ތަފްސީލް - އެމްޓީސީސީން ވަނީ އެ މަޝްރޫއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފޯމެއް އެކުލަވާލައިފަ އެވެ. ހިޔާލު ހޯދަނީ އެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ފުރިހަމަކުރުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މަޝްރޫއަށް ހިޔާލު ހޯދަނީ އެ ސަރަހައްދު ބޭނުންކުރާ މިންވަރު ދެނެގަނެ، މަޝްރޫއު ކުރިއަށް ގެންދާއިރު ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ކީވޯލް ބޭރަށް ޖައްސައިގެން މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރާނެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 455 ދުވަހުން ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144.50 މިލިއަން ރުފިޔާ އެވެ.
ފާހަގަ ކުރެވޭ - ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތް ކުރާނީ ސަރުކާރުގެ ބަޖެޓުން ކަމަށާއި މި އަހަރު ތެރޭ މަސައްކަތް ނިންމޭނެ ކަމަށެވެ.
މީގެ އިތުރުން، ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މާލޭ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މި އަހަރު ތެރޭ ފެށޭނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ