ތުރުކީގައި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި
ތުރުކީގައި ހުޅުވާ ރާއްޖޭގެ ފުރަތަމަ އެމްބަސީ، އެ ގައުމުގެ ވެރިރަށް އަންކާރާގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ޚާރިޖީ ވުޒާރާއިން ބުނީ އެ އެމްބަސީ ހުޅުވައިދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތް ނޫރީ އެރްސޮއި އަދި ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔަޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ކަމަށެވެ. އެމްބަސީ ރަސްމީކޮށް ހުޅުވީ އެކަމަށް ޚާއްސަކޮށް، އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ޚާރިޖީ ވުޒާރާއިން ބުނީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެކަން ވުޒާރާއިން ފާހަގަކޮށްފައިވެއެެވެ. https://x.com/MoFAmv/status/1911956669552316552 މި އެމްބަސީ ވާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ މަގަކަށް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. މި ރަސްމިއްޔާތުގައި ޚަލީލް ވަނީ، އެ ގައުމުގައި އެމްބަސީ ހުޅުވުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ. މިހާރަށް ވުރެ ބޮޑަށް ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށާއި އިޤްތިޞާދާއި ދިވެހި ސަޤާފަތް ކުރިއެރުވުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެއާއެކު، ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދިނުމުގައި ވެސް އެމްބަސީ އެއް ހުރުން ވަރަށް މުހިންމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ. އެމްބަސީ އިފްތިތާޙް ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެ ކަން ވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ތުރުކީގެ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓަރު މެހެމަތު ނޫރީ އެރްސޮއިގެ ވާހަކަފުޅުގައި ވަނީ ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުންސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި ސަގާފަތާއި އިގްތިސާދާއި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީވެފައިވާކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ