ޚުޠުބާ: ލީޑަރު ރައްޔިތުންނާއެކު ދުޢާކުރުންމަތީގަ ޘާބިތުވެ އަދި ރައްޔިތުން ﷲ ގެ މަގުގަ ނަޞްރުދޭން ލީޑަރުގެ ފަހަތުގައި ތައްޔާރަށް ތިބިނަމަ ނަޞްރު ދެއްވަވާނެ!

ބަރަކާތްތެރި ރަމަޟާން މަހަކީ الله سُبْحَانَهُ وَتَعَالَى އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަޞްރުދެއްވުން ލައްވަވައިފައިވާ މައްސަރެކެވެ. އެ ގޮތުން  ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: "ތިޔަބައިމީހުން اللهއަށް (އެބަހީ: اللهގެ ދީނަށް) ނަޞްރުދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ." 
ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެކެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުޞޫލު ބޭނުންކުރުމެވެ. ކީރިތި ރަސޫލާ z، މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވިއެވެ.
ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މި ކަމުގެ ރިވެތި މިސާލެކެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަމެވެ. ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންޞާރުން ކީރިތިރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް އެރުވި މަޝްވަރާއިން މި ކަން ހާމަވެއެވެ. ޤުރައިޝުން މުސްލިމުންނާ ކުރިމަތިލާން އަންނަކަމުގެ ޚަބަރު ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ދެއްވުމުން އެ ބައިމީހުންނާ ކުރިމަތިލެއްވުމަށް ތާއީދުކުރެއްވިއެވެ. އަދި އެ އަށް ފަހު މިޤްދާދު ބިން ޢަމްރު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ އިރާދަކުރެއްވި ގޮތަށް ކުރިޔަށް ވަޑައިގަންނަވާށެވެ! ތިމަންމެން ވާހުށީ ކަލޭގެފާނާއެކުގައެވެ. ބަނީއިސްރާއީލުގެ މީހުން މޫސާގެފާނާ މުޚާޠަބުކުރި ފަދައިން ތިމަންމެން ނުދަންނަވާހުށީމެވެ. މާނައީ:" ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަކުރައްވާށެވެ! ތިމަންމެން މި ތާނގައި ތިބޭނޫއެވެ." އޭގެ ބަދަލުގައި ތިމަން ބޭކަލުން ދަންނަވާނީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަކުރައްވާށެވެ! ތިމަންމެން ކަލޭގެފާނާއެކު ހަނގުރާމައިގައި ބައިވެރިވާހުށީމެވެ."[1] އެ ހިނދު ކީރިތި ރަސޫލާ z އަންޞާރީންގެ ޚިޔާލު ހޯއްދެވިއެވެ. އެ ހިނދު އެ ބޭކަލުންގެ ތެރެއިން ސަޢުދު ބުނު މުޢާޛު ވިދާޅުވިއެވެ. "ތިމަންމެން މި ތިބީ ކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް އީމާންވެ ކަލޭގެފާނުގެ ބަސްފުޅު ތެދުކޮށްގެންނެވެ. އަދި ކަލޭގެފާނު ގެނެސްދެއްވި ރިސާލަތަކީ ޙައްޤު ތެދުކަން ޤަބޫލުކޮށް އެ ކަމަށް ހެކިވެގެންނެވެ. އަދި އެ ކަމުގެ މައްޗަށް ކަލޭގެފާނަށް ޢަހުދު ކަށަވަރުދީ ކިޔަމަންތެރިވެގެންނެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިޔަށް ވަޑައިގަންނަވާށެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ގަންދީ ދަންނަމެވެ. ކަލޭގެފާނު ތިމަންމެންނާއެކު، ތިމަންމެންގެ ކައިރީގައި މި އޮތް ކަނޑަށް އެރިވަޑައިގަތުމަށް ވަޑައިގަތް ކަމުގައިވީ ނަމަވެސް ތިމަންމެން ކަލޭގެފާނާ އެކު ކަނޑަށް އެރޭހުށީމެވެ. ފަހެ ތިމަންމެންގެ ތެރެއިން ހަމަ އެކަކު ވެސް މިކަމާ ދެކޮޅެއް ނުހަދާހުއްޓެވެ."[2] سُبْحَانَ الله އެވެ! ކިޔަމަންތެރިކަމުގެ ކޮން ފަދަ ރިވެތި ނަމޫނާއެއްތޯއެވެ! އީމާންކަމުގެ ކިހައި ފުރިހަމަކަމެއްތޯއެވެ! އަހަރެމެންނާ ހަމަޔަށް މި ދީން ފޯރުކޮށް ދެއްވުމަށް އެބޭކަލުން އެ ވެވަޑައިގަތް ޤުރުބާނީ އަހުރެމެން ބަލައިގަންނަނީ ކިހާވަރަކަށްތޯއެވެ! 
ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަޞްޙާބު ބޭކަލުންގެ ޤުރުބާނީއެވެ. އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ z ހުއްޓިވަޑައިގެން ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވިއެވެ. ހަނގުރާމަ ފެށި އިރުކޮޅެއްވީ ތަނާ ކީރިތި ރަސޫލާ z އަންނަނިވި އާޔަތް ކިޔަވައިވިދާޅުވިއެވެ.ﭐ --- ‎‏  މާނައީ: "އެ(كافرންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލާން ދުވާނެތެވެ." މި އާޔަތް ކިޔަވައިވިދާޅުވެ މުސްލިމުންގެ ލަޝްކަރަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން އަންޞާރިއްޔަ ބޭކަލަކުކަމުގައިވާ ޢުމައިރު ބުނު ޙުމާމު ޖޯޝާއި ފޯރީގައި ހަނގުރާމައިގެ މައިދާނަށް ނުކުމެ ވަޑައިގެން ޤުރައިޝުންގެ ލަޝްކަރާ ކުރިމަތިލައްވައި އެ ކަލޭގެފާނު ޝަހީދުވިއެވެ. އެ ކަލޭގެފާނު ޝަހީދުވުމާ ގުޅޭ ގޮތުން ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތް ބާވައިލެއްވުނެވެ. --- މާނައީ: "އަދި اللَّهގެ މަގުގައި (جهاد ކުރަނިކޮށް) شهيدވާ މީހުންނާ މެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެ ކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ." 
ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުންނެވެ.[3] އޭގެ ތެރޭގައި ޒުވާން ޞަޙާބީން ހިމެނިވަޑައިގަތްކަމީ އަހަރެމެންގެ ޒުވާނުން ޢިބުރަތް ލިބިގަންނާން ޖެހޭ ކަމެކެވެ. އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިއްމުކަމުގެ އިޝާރާތެކެވެ. ބަދުރުގެ ދުވަހުގައި ޢުމުރުން އެންމެ ސޯޅަ އަހަރުފުޅުގައި ޢުމައިރު ބުނު އަބީ ވައްޤާޞް ޝަހީދުވިއެވެ. އެކަލޭގެފާނު ލަޝްކަރުގައި ބައިވެރިކޮށް ދެއްވުމަށް އެދި ދެންނެވުމުން އެކަލޭގެފާނުގެ ޢުމުރުފުޅުގެ ހަގުކަމާ ހުރެ އެކަލޭގެފާނު ހަނގުރާމައިގައި ބައިވެރިކުރެއްވުމަށް ކީރިތި ރަސޫލާ z ފުރަތަމަ ހުއްދައެއްނުދެއްވިއެވެ. އެހެނަސް އެކަލޭގެފާނު އިތުރަށް އެ ކަމަށް އާދޭސް ކުރައްވައި ކީރިތި ކުރެއްވުމުން ލަޝްކަރުގައި ބައިވެރިވުމަށް ހުއްދަދެއްވީއެވެ. ނިކަން ވިސްނައިބަލާށެވެ! ޢުމުރުފުޅުން އެންމެ ސޯޅަ އަހަރުގައި އިސްލާމްދީނުގެ ދިފާޢުގައި ކާފިރުންގެ ކުރިމައްޗަށް ނިކުންނަވައި ޖިހާދުކުރެއްވުމުގެ ޝައުޤުވެރިކަން އެ ލިބުނީ ކޮން ފަދަ އީމާންތެރިކަމަކާ ކޮން ފަދަ ކިޔަމަންތެރިކަމެއްގެ ސަބަބުންބާއެވެ. ބަދުރުގެ ދުވަހުގައި ސަޢުދުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅު ޚައިޘަމާގެ ޖިހާދަކީ ވެސް އަހަރެމެން ޢިބުރަތް ލިބިގަންނާން ޖެހޭނެ ޖިހާދެކެވެ. ދަރިފުޅާއި ބައްޕަ ޖިހާދުކޮށް ޝަހީދުވުމުގެ ޝައުޤުވެރިކަން ހުރެމެ އެ ދެބޭކަލުންނަށް އެއް ފަހަރާ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވޭން ނެތުމުން ސަޢުދުގެފާނު ބަދުރުގެ ދުވަހުގައި ބައިވެރިވެވަޑައިގަތްއިރު ޚައިޘަމާ ހުންނެވީ ޢާއިލާގެ ކަންކަން ބެލެހެއްޓެވުމުގައެވެ. އެ ދުވަހު ސަޢުދުގެފާނު ޝަހީދުވިއެވެ. އަދި އުޙުދު ހަނގުރާމައިގެ ދުވަހު ޚައިޘަމާ ޝަހީދުވިއެވެ. 
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަމެވެ. ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާޞިލުކޮށްދޭ ކަމެކެވެ. މާތް ﷲގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ފަހެ، (ކަމަކާ މެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." ވަކީލު ކުރުމާއި ޢަޒުމު ވަރުގަދަވުމުގެ ސަބަބުން އެ ދުވަހު މުސްލިމުންގެ ލަޝްކަރަށް ލިބުނު ކާމިޔާބާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީންކަމުގައި ވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށް ޓަކައެވެ. (އެއީ) ކަލޭގެފާނު مؤمنންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވައިފައިވާ ملائكةންގެ ތެރެއިން، ތިން ހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟ ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّهއަށް) ބިރުވެތިވެ ރައްކާތެރިވާ ނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشرك ން) ހަމަ ކުއްލިޔަކަށް އަންނަ ނަމަ، ފާހަގަކުރައްވައިފައިވާ ފަސް ހާސް ملائكةން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبرއެއްކަމުގައްޔާއި، އަދި އެ ކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށް ޓަކައި މެނުވީ، اللَّه އެ ކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكة ން ފޮނުއްވައިގެން مدد ދެއްވުން ނުލައްވަތެވެ.) عزيز ވަންތަ، حكيم ވަންތަ، اللَّهގެ حضرةން މެނުވީ، نصر ލިބުމެއް ނުވެއެވެ."[4] 
ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެކެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرةއަށް دعاءކޮށްފިނަމަ دعاءކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށް ޓަކައެވެ."
ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ  އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުޢާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނެވެ. އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވިއެވެ.[5]
 
- 14 رَمَضَان 1446 (14 މާރިޗު 2025) ވާ ހުކުރު ދުވަހުގެ ޚުޠުބާ 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ