ކްލަބް ވޯލްޑް ކަޕްގައި ޕީއެސްޖީގެ ފެށުން ރަނގަޅުކޮށްފި
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ޕެރިސް ސެއިންޓް ޖާމެއިން(ޕީއެސްޖީ)އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކޮށް އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ޔޫރަޕަށް ނިސްބަތްވާ މި ދެޓީމުގެ ކުރިމަތިލުން ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. އެމެރިކާގެ ޕެސެޑީނާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި 80،619 ބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗުގެ ކުރީކޮޅު މޮޅަށް ކުލެފައިވަނީ ޕީއެސްޖީންނެވެ. ނަތީޖާއަކަށްވީ މެޗުގެ 19ވަނަ މިނެޓުގައި ޕީއެސްޖީން މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަބިއަން ރުއިޒްއެވެ. މިމެޗުގައި އެޓްލެޓިކޯއަށް ކިރިޔާ ވެސް ކުޅެގަނެވޭވަރުވީ ފުރަތަމަ ހާފުގެ މެދަކާ ހިސާބުންނެވެ. އެއާއެކު ވެސް މިހާފުގައި އެޓްލެޓިކޯ ފެނުނީ ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިމެޗުގައި ޕީއެސްޖީން ކާމިޔާބު ކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިޓީނިއާއެވެ. މިމެޗުގެ ދެވަނާ ހާފުގައި އެޓްލެޓިކޯއިން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެވޭތޯ މަސައްކަތް ކުރިތަން ފެނުނެވެ. މިގޮތުން މިހާފުގައި އެޓްލެޓިކޯގެ ހޫލިއަން އަލްވަރޭޒް އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް ވީއޭއާރުން ވަރަށް ގިނައިރު ބެލުމަށްފަހު އެލަނޑު ޖެހުމުގެ ކުރިން އެޓްލެޓިކޯގެ ކެޕްޓަން ކޯކޭ ޕީއެސްޖީގެ ޑިސާރޭ ޑޫއޭއަށް ފައުލް ކުރިކަމަށް ނިންމާ އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިހާފުގައި ރެފްރީގެ ގިނަ ނިންމުންތަކަކާ އެޓްލެޓިކޯއިން ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. ނަތީޖާއަކަށްވީ އެޓްލެޓިކޯގެ ކީޕަރަށް ޕީއެސްޖީގެ ކުޅުންތެރިޔަކު ފައުލް ކުރިތަން ރެފްރީއަށް ނުފެނުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރި އެޓްލެޓިކޯގެ ޑިފެންޑާ ކްލެމެންޓް ލޭންގްލޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމެވެ. މެޗުގެ 78ވަނަ މިނެޓުގައި ހިނގި މިހާދިސާ އާއެކު މެޗުގެ ބާކީ ބައި އެޓްލެޓިކޯއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗުގައި ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 87ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ސެނީ މަޔާލޫ ކާމިޔާބު ކޮށްދިންއިރު ފަހު ލަނޑު އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ލީ ކާންގް އިންއެވެ. މިމުބާރާތުގެ ގްރޫޕް އޭގައި ޕަލްމެއިރާސް އާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު މިގްރޫޕްގެ ފުރަތަމަ މެޗެކޭ އެއްގޮތަށް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ކަމުން މިގްރޫޕްގައި ހިމެނޭ ހަތަރު ޓީމު ވެސް އެއްމެޗު ކުޅުނު އިރު އުޅެނީ އެއް ޕޮއިންޓްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ