ރާއްޖޭގެ ޗެމްޕިއަން މާޒިޔާއަށް ބްރެޒިލްގެ ފޯވާޑެއް

ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބްރެޒިލްގެ ފޯވާޑެއްގެ ސޮއި ހޯދައިފިއެވެ.
މާޒިޔާއިން ބިދޭސީ އައު ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނައިރު، އެ ޓީމާ އަލަށް ގުޅެފައިވަނީ އުމުރުން 32 އަހަރުގެ ހޯސޭ ވިލްކްސަންއެވެ. އޭނާ އަކީ ބްރެޒިލާއި، މޯލްޓާ، އަދި އިންޑޮނޭޝިއާގެ ކުލަބުތަކަށް ކުޅެފައިވާ، ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
މީގެ އިތުރުން މާޒިޔާއިން މީގެ ކުރިން ވަނީ މޮންޓެނީގްރޯގެ ގޯލްކީޕަރު ނޭމަންޖާ ލެމަޖިޗްގެ ސޮއިވެސް ހޯދާފައެވެ. އޭނާ އަކީ އާމީނިއާ އާއި މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަން ކްލަބުތަކުގެ ތަޖުރިބާ ލިބިފައިވާ ކީޕަރެކެވެ.
އޭއެފްސީ ޗެލެންޖް ލީގަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން މިހާތަނަށް ވަނީ ބިދޭސީ ފަސް ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އެގޮތުން މީގެ ކުރިން އެ ކުލަބުން ވަނީ އޮސްޓްރޭލިއާގެ އާރޯން އީވަންސް އާއި، އެ ގައުމުގެ ނިކޮލަސް އޮލްސެން އަދި ކްރޮއޭޝިއާގެ މާރިއޯ ޒެބިޗްގެ ސޮއިވެސް ހޯދާފައެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، އެ ޓީމުން ވަނީ އައު ކޯޗުގެ މަގާމަށް ސާބިއާއަށް ނިސްބަތްވާ ޑްރަގަން ޑުކަނޯވިޗް ހަަމަޖައްސާފައެވެ. އަދި ޗެލެންޖް ލީގަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމްގެ ސޮއި ހޯދާފައެވެ. އަދި އުމުރުން 15 އަހަރުގެ އުއްމީދީ ތަރި މުޙައްމަދު އިލާން އިމްރާންވެސް ވަނީ އެ ޓީމާ ގުޅިފައެވެ.
އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޗެލެންޖް ލީގު ބާއްވާއިރު، އެ ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކުލަބާއި، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ. ސެންޓްރަލައިޒްކޮށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ