ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް

ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.އެހެންވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ.އެ މައްސަލައާ ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ.އަލީ ހުސައިން 'އެކްސް'ގައި ޕޯސްޓު ކުރެއްވި ގޮތުގައި، މައްސަލަ ހުށަހެޅުއްވީ، އެ ބަދަލުތައް ގެނައީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށް ވާތީ އެވެ.  ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ