ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކުވެސް ބޭރުގެ ދަރަނީގެ ސަބަބުން ބޭރު ފައިސާގެ ރިޒާވްއަށް އޮތް ޕްރެޝަރުތައް ބޮޑުވާނެކަމަށާއި، ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އޮތީ ވަރަށް ހަނި ޖާގައެއްކަން މޫޑީސްއިން ފާހަގަކުރި އެވެ.
ސެޕްޓެންބަރު މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަން މޫޑީސް ކްރެޑިޓް ރޭޓިން އެޖެންސީން ފެށި މަސައްކަަތް ނިންމައި ސީއޭއޭ2 ދަރަޖައިގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ހިފަހެއްޓުމަށްފަހު، ރާއްޖޭގެ މާލީ މުސްތަގުބަލު ނެގެޓިވްކޮށް ފެންނަކަމަށް އެ އެޖެންސީން ނިންމާފައިވާއިރު، މާލީ ގޮތުން ހުރި ހިރާސްތަކާއި، އަޅަމުންދާ ފިޔަވަޅުތަކާއެކު ލިބޭ އުންމީދު ފާހަގަކޮށްފައިވެ އެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ހިފަހެއްޓުމަށް ނިންމުމާއެކު ނެރުނު ބަޔާނުގައި އެ އެޖެންސީން ފާހަގަކުރި ގޮތުގައި 11 ސެޕްޓެންބަރު 2024 ގައި ރާއްޖޭގެ ކްރެޑިޓް ރެޓިން ސީއޭއޭ2 ދަރަޖައަށް ދަށްކުރުމުގެ މަސައްކަތް ފެށީ ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅިގެންނެވެ. އަދި އެ ގޮތަށް އެއިރު އިއުލާނުކުރީ ބޭރު ފައިސާގެ އާމްދަނީ އިތުރުކޮށް އަވަސް މުސްތަގުބަލެއްގައި ބަނގުރޫޓުވުމުގެ ހާލަތުން ސަލާމަތްވުމަށް ވަގުތު ލިއްބައިދިނުމަށެވެ.
ކްރެޑިޓް ރޭޓިން އެ ދަރަޖާގައި ހިފަހައްޓަން ނިންމިއިރު ފާއިތުވި މަސްތަކުގައި ބޭރުން ފައިސާ ހޯދުމުގައި ރާއްޖެއަށް ކޮންމެވެސް މިންވަރެއްގެ ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާކަން މޫޑީސްއިން ފާހަގަކުރި އެވެ. އެގޮތުން އިންޑިޔާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ އަދި 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވޮޕު އެއްބަސްވުންތަކެއް ހެދުމަކީ ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރި އެވެ.
މޫޑީސްއިން ފާހަގަކުރީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒަވްތައް 364 މިލިއަން ޑޮލަރަށް ވެއްޓުމަށްފަހު އޮކްޓޯބަރު މަހު އެ އަދަދު 607 މިލިއަން ޑޮލަރަށް އެރީ ކަރަންސީ ސްވޮޕުގެ ޑޮލަރު ފެސިލިޓީން ފަައިސާ ނެގުމުން ކަމަށެވެ. އޮކްޓޯބަރުގެ ނިޔަލަށް ރިޒާވްގައި 2.2 މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ ހުރިކަން ފާހަގަކޮށްފައިވެ އެވެ.
މޫޑީސްއިން ބުނެފައިވަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ޖުމްލަ 220 މިލިއަން ޑޮލަރު ހުރި ކަމަށެވެ. މި ފައިސާ ހުރުމަކީ ކުރު ރާސްތާގައި ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ ލިކުއިޑިޓީ ނުވަތަ ފައިސާ ނެތުމުގެ މައްސަލައަށް ލުއެއް ލިބޭ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ޑޮލަރުން ލިބޭ ފިސްކަލް އާމްދަނީ އިތުރުކޮށް މާލީ ދާއިރާއަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާކަން މޫޑީސްއިން ފާހަގަަކުރި އެވެ. އެގޮތުން ބޭންކުތަކަށް ޓޫރިޒަމް ސިނާއަތުގެ އާމްދަނީން މިންވަރެއް މާރުކުރަން ލާޒިމުކުރުމާއި، އެއާޕޯޓު ފީތަކާއި ޓެކްސްތައް ބޮޑުކުރުމަކީ އެއިން ޑޮލަރު އެތެރެވާ މިންވަރަށް ހެޔޮ އަސަރުކުރާނެ ކަންކަމުގެ ގޮތުގައި މޫޑީސްއިން ފާހަގަކުރި އެވެ.
އަންނަ އަހަރުގެ ޖޫންއިން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތައަށް އިތުރުކުރުމަކީވެސް ޑޮލަރު އާމްދަނީ އިތުރުވާނެ ކަމެއްކަން ފާހަގަކޮށް، މިއިން ބައެއް ފިޔަވަޅުތައް މިހާރު ތަންފީޒުކުރަން ފަށާފައިވާއިރު އިތުރު ފިޔަވަޅުތައް އަންނަ އަހަރު ތަންފީޒުކުރެވޭނެކަން މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.
ކުރިއަށް އޮތް 12 މަހާއި 18 މަހާ ދެމެދުގައި ދައުލަތުން އަދާކުރަންޖެހޭ ބޭރު ދަރަނީގެ އިލްތިޒާމުތައް ބޮޑުވުމުގެ ސަބަބުން އެ މުއްދަތުގައި ބޭރު ފައިސާއަށް އޮތް ޕްރެޝަރު ކުޑަނުވާނެ ކަމުގައި މޫޑީސްއިން އަންދާޒާކުރެ އެވެ.
އެއީ އަންނަ އަހަރު 600 މިލިއަން ޑޮލަރާއި 700 މިލިއަނާ ދެމެދުގެ އަދަދެއް ދަރަނި އަދާކުރަން ހޭދަކުރަންޖެހޭއިރު ޖެހިގެން އަންނަ 2025 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ހިމެނޭހެން ޖުމްލަ އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ދަރަނި އަދާކުރަން ހޭދަވާނެކަން ފާހަގަކޮށް، މޫޑީސްއިން ބުނީ އެކަމުގެ ސަބަބުން އަދާ ފޮރިން ކަރަންސީ އެސެޓު ނުހިމަނައި ޔޫޒަބަލް ރިޒާވް ނެގެޓިވްއަށް ވެއްޓިފައިވާ ކަމަށެވެ.
އައުޓްލުކް ނުވަތަަ މުސްތަގުބަލުގެ އަންދާޒާ ނެގެޓިވް (ފައްސި)ވި ސަބަބުތަކުގެ ތެރޭގައި މޫޑީސްއިން ފާހަގަކުރީ ދައުލަގުގެ ބަޖެޓު ޑެފިސިޓު (އާމްދަނީއާއި ހަރަދުގެ ފަރަގު) އަދި ޓްރޭޑް ޑެފިސިޓު (އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު) ބޮޑުވާނެތީ ބޭރު ފައިސާއަށް އޮންނަ ޑިމާންޑު އަދި ފިއްތުން ކުޑަވާނެ ކަމުގައި ނުބެލެވުން ހިމެނެ އެވެ.
އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކާއެކުވެސް މެދުރާސްތާގައި ހަރަދުތައް މަތިވުމުގެ ސަބަބުން 2025-2026 ގައި ބަޖެޓުގެ ޑެފިސިޓު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %7 އާއި 8% ދެމެދުގެ މިންވަރަކަށް ތިރިވާނެ ކަމުގައި ލަފާކުރެ އެވެ. މި އަހަރު އެ ނިސްބަތް ހުންނާނެކަމަށް މޫޑީސްއިން ބުނަނީ %12-%13 ގަ އެވެ.
އަދި ޕީއެސްއައިޕީގެ ހަރަދުތައް އަންނަ އަހަރު އިތުރުވުމުގެ ސަބަބުން ކެޕިޓަލް އިމްޕޯޓު ނުވަތަ މަޝްރޫއުތަކަށް އިމްޕޯޓުކުރާ މުދާ އިތުރުވެ ވިޔަފާރީގެ ޑެފިސިޓު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 13 އިންސައްތައާއި 15 އިންސައްތައިގެ ދެމެދުގައި ހުންނާނެކަމަށް މޫޑީސްއިން ލަފާކުރެ އެވެ.
އަދިވެސް ޑޮލަރުގެ އަގަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީ ކޮވިޑާ ގުޅިގެން ޗާޕުކުރި ފައިސާކަން އެ ރިޕޯޓުގައި މޫޑީސްއިން ފާހަގަކުރި އެވެ. އެގޮތުން ފައިސާގެ ބާޒާރަށް ނެރެފައިވާ ރުފިޔާގެ އަދަދު ގިނަވުމަކީ ޑޮލަރުގެ އަގު ހިފަހައްޓާފައި އޮތް މިންވަރުގައި ދަމަހައްޓަން އޮތް ގޮންޖެހުމެއް ކަމުގައި އެ އެޖެންސީން ފާހަގަކޮށްފައިވެ އެވެ.
ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު އެ ފިޔަވަޅުތަކުން ބޭނުންވާ ނަތީޖާ ހާސިލުވާނެ މިންވަރު އަދި ޔަގީންނުވާކަން ފާހަގަކޮށް، މޫޑީސްއިން ބުނީ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ މުއްދަތު ކައިރިވަމުންދާއިރު، އެ ފައިސާ ޖަމާކުރުމަށް ސަރުކާރަށް އޮތް ޖާގަވެސް ހަނިވަމުން އަންނަ ކަމަށެވެ. އަދި ބޭރުން ދަރަންޏަށް ފައިސާ ހޯދައިގެން ލިބޭ ފައިސާއާއި ހަރަދުގެ މެދުގައި އޮތް ފަރަގު ފޫބައްދަން ސަރުކާރަށް މަޖުބޫރުވާނެކަމުގައި އެ އެޖެންސީން އަދާޒާކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޫޑީސްގެ ރޭޓިން | ފިޔަވަޅުތަކުން އުންމީދެއް ލިބޭ، ހިރާސްތައް އަދިވެސް ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ