ޖަރާސީމުތަކާއި ދެކޮޅަށް ބޭނުންކުރާ އެކިބާވަތުގެ ބޭސްތައް ނަހަމަގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢާތުގައި ބޭނުންކުރެވޭނަމަ އޭގެ ނުރައްކާ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާނެކަމަށާއި އެއީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރިސިސްޓެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރިސިސްޓެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާއޮތީ ހަމައެކަނި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ ހިސާބަށް ނޫންކަމަށެވެ. އެއަށްވުރެ ދުރަށް އެމައްސަލަދާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ މިމައްސަލަ އިންސާނުންގެ ކާބޯތަކެތީގެ ނިޒާމަށާއި މަސްވެރިކަމަށާއި، ތިމާވެށްޓަށާއި، ދިރިއުޅުމުގެ ހުރިހާ ދިމާއަކަށްވެސް އަސަރުކުރުވާކަމަށެވެ. އެހެންކަމުން އެއް އަމާޒަކަށް ވާޞިލުވުމަށް މިއެކްޝަން ޕްލޭން، އެންމެން އެމަގަކުން ދިޔުމުގައި އެހީތެރިވެދޭނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
"ސިއްޙީ ނިޒާމުންދަނީ ބޭހަށް ނުގުޑާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރަމުން. އެގޮތުން އެކުލަވަލަންޖެހޭ އުސޫލުތައް އެކުލަވާލާ ބޭސް ދޫކުރުމާއި، ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްދަނީ ކުރަމުން. އެކަމަކު ސިއްޙީ ނިޒާމަށް އެކަނި އެކަން ކާމިޔާބެއް ނުކުރެވޭނެ. އެހެންކަމުން ހެލްތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިޖުތިމާޢި އެހީތެރިންނާއި، ޕޮލިސީ އެކުލަވާލާ ފަރާތްތައް ހިމެނޭހެން ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވޭ." މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ މަސްވެރިކަމަށާއި، ދަނޑުވެރިކަމަށް ކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރު ކުރުވާނެކަމެއްކަމުން އެއީ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުކުރުވާނެކަމެއްކަމަށެވެ. ރާއްޖެ ފަދަ ޤައުމަކަށް މިކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ.
ޖަރާސީމަށް ނުގުޑާ ބޭސް މަސްވެރިކަމާއި ދަނޑުވެރިކަމުގައި ބޭނުންކުރުމަކީ ތަރައްޤީއަށް އޮތް ހުރަހެއް: މެޑަމް ސާޖިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ