ގަލްފުގެ ތެލަށް ހުރަސްތަކެއް ހުއްޓަސް، ޖޫންގައި ތެޔޮ އުފެއްދުން އިތުރުކުރަނީ

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އަންނަ މަހު ދުވާލަކު ގާތްގަނޑަކަށް 188،000 ފީފާ ތެޔޮ އިތުރަށް އުފެއްދުމަށް އޯޕެކް ޕްލަސް އިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އެ ޖަމާއަތުގެ މަޝްވަރާތަކާ ގުޅުންހުރި އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއަދު ބާއްވާ ސިޔާސަތުތައް ކަނޑައަޅާ ބައްދަލުވުމުގައި މި ނިންމުން ކަށަވަރު ކުރެވޭނެ ކަމަށް ބެލެވޭއިރު، މިއީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޖެހިޖެހިގެން ނިންމި ތިންވަނަ މަހެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވެފައިވާތީ، މި އިތުރުކުރުމަކީ ހަމައެކަނި ނަމެއްގައި ކުރެވޭ ކަމެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރައްވަ އެވެ.
މިދިޔަ 28 ފެބްރުއަރީގައި ފެށުނު މި ހަނގުރާމަ އާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ސައުދީ އަރަބިއްޔާ، އިރާގު، ކުވެއިތު އަދި ޔޫއޭއީން ބޭރުކުރާ ތެލުގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މީގެ އިތުރުން، މިދިޔަ މަހުން ފެށިގެން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުން ތެޔޮ ބޭރުކުރުމަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ސިނާއީ ދާއިރާގެ ތަޖުރިބާކާރުންނާއި ވިޔަފާރިވެރިން ބުނާ ގޮތުގައި، ތެޔޮ އުފުލާ މަގުތައް އަލުން ހުޅުވުނު ކަމުގައި ވިޔަސް، ތެލުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވުމަށް މަދުވެގެން އަށެއްކަ ހަފުތާ ނުވަތަ މަސްތަކެއް ނަގާނެ އެވެ.
ތެލުގެ އަގު މި ހަފުތާގައި ވަނީ ފީފާއަކަށް 125 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓް ފިއުލް ލިބުން ދަތިވެ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު މާހިރުން ދަނީ ދެމުންނެވެ.
މިއަދުގެ މަޝްވަރާތަކުގައި ބައިވެރިވާ ހަތް ގައުމަކީ ސައުދީ އަރަބިއްޔާ، އިރާގު، ކުވެއިތު، އަލްޖީރިއާ، ކަޒަކިސްތާން، ރަޝިޔާ އަދި އޮމާން އެވެ. ޔޫއޭއީން ވަނީ މިދިޔަ ހުކުރު ދުވަހު މި ގްރޫޕުން ވަކިވެފަ އެވެ.
އޯޕެކްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗު މަހު އެ ޖަމާއަތުގެ ގައުމުތަކުން ދުވާލަކު އެވްރެޖްކޮށް އުފައްދާފައިވަނީ 35.06 މިލިއަން ފީފާ ތެލެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު ދުވާލަކު 7.70 މިލިއަން ފީފާގެ ދަށްވުމެކެވެ. ތެޔޮ ބޭރުކުރުމަށް ހުރި ހުރަސްތަކާ އެކު އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ އިރާގާއި ސައުދީ އަރަބިއްޔާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ