މި މީހުން ސްކޫލް ޔުނީފޯމް ފެހުމުގައި އަވަދިނެތި

ދިރާސީ އާ އަހަރު ފެށެން ގާތްވެފައިވާ މި ދުވަސްވަރު، އެންމެ ބިޒީކޮށް، އެންމެ ބުރަކޮށް މަސައްކަތް ކުރާ މީހުންގެ ތެރޭގައި ފަހާ މީހުން ހިމެނޭނެ އެވެ.
މާލެ ސަރަހައްދުގައި އުޅޭ ދަރިވަރުންގެ އަދަދު 30،000 އަށް ވުރެ ގިނަ އެވެ. މި ދަރިވަރުން ސްކޫލަށް ދާން، އެކި ކުލަކުލައިގެ އަދި އެކި ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ޔުނީފޯމްތައް ނަމޫނާ ދެއްކި ގޮތަކަށް، ފެހުމުގައި އަވަދިނެތި އުޅެނީ ފަހާމީހުންނެވެ.
މާލޭގައި ފަހާތަންތަން އެންމެ ގިނައީ މާފަންނުގަ އެވެ. އެ ހުރިހާ ތަނެއްގައި ވެސް މި ދުވަސްކޮޅު އޮތީ ޔުނީފޯމް ފެހުމެވެ. 
ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ދުވާލަކަށް 30 ޔުނީފޯމް ފަހަ އެވެ. އެހާ ބުރަކޮށް އުޅުނަސް ފަހާމީހުން ތިބީ އުފަލުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ފެހުމުގެ މަސައްކަތް ދަސްކުރެވުނީތީ ވެސް ހިތްހަމަޖެހެ އެވެ. 
ދެ މީހަކު މަސައްކަތް ކުރާ ފަހާތަނަކުން ބައްދަލުވީ ބަންގްލަދޭޝްގެ އަބްދުއްރަހުމާންއާ އެވެ. އޭނާ ފެހުމުގެ މަސައްކަތުގައި އުޅޭތާ 23 އަހަަރު ވެއްޖެ އެވެ.
އަބްދުއްރަހުމާން މާލެ އައީ 2014ގަ އެވެ. އޭނާ ހުރީ ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަމީނިއްޔާ ސްކޫލް ޔުނީފޯމް ފެހުމާ ހަވާލުވެ އެވެ.
"ކޮންމެ ދުވަހަކު އަށް ޔުނީފޯމް ވަރު އަހަންނަށް އެކަނި ނިންމާލެވޭނެ،" މި ދުވަސްވަރު ދުވާލަކު ގާތްގަނޑަކަށް 10 ގަޑިއިރު މަސައްކަތުގައި އުޅެމުން އަންނަ އަބްދުއްރަހުމާން ބުންޏެވެ.
އެ ތަނުން ޔުނީފޯމް ފަހައިދޭ އަގު އުޅެނީ 140-160 ރުފިޔާގަ އެވެ.
އެހެން ތަނަކަށް ވަދެލުމުން ބައްދަލުވި އެކަކީ އުމުރުން 26 އަހަރުގެ ޖާކިރު އެވެ. އޭނާ ރާއްޖޭގައި އުޅޭތާ މިއީ ހަތަރުވަނަ އަހަރެވެ.
ޖާކިރަކީ ހުނަރުން ފުރިފައި ހުރި މީހެކެވެ. ފަހާތަނުގެ ހުރިހާ މަސައްކަތެއްގައިހެން އޭނާ ބައިވެރިވެ އެވެ. ގިނަ ކަސްޓަމަރުންނާ ވާހަކަ ދައްކަނީ އޭނާ އެވެ. މިން ނަގަނީ އޭނާ އެވެ. ހުރިހާ ވައްތަރެއްގެ ހެދުން ފަހަން އެނގުނަސް މި ދުވަސްކޮޅު އޭނާ ވެސް ހާއްސަވެފައި ވަނީ ސްކޫލް ޔުނީފޯމަށެވެ. 
"ޕާޓީ ހެދުން، ދިވެހި ހެދުން ފަހަން. ކަސްޓަމައިޒްޑް އެއްޗެހި ފަހަނީ އަހަރެން. މިއީ ސްކޫލް ސީޒަން ވީމާ މި ދުވަސްކޮޅު ގިނައިން މި ފަހަނީ ހުސް ޔުނީފޯމް،" ޖާކިރު ބުންޏެވެ.
ޖާކިރު ބުނިގޮތުގައި އިންޑިއާ އިން ފަހާމީހުން ގެނެވެން އޮތަސް، އެއީ ފެކްޓަރީތަކުގައި މަސައްކަތް ކުރާ މީހުން ކަމުން، އެ މީހުންނަށް ދަސްވެފައި ހުންނަނީ ހެދުމުގެ ވަކިވަކި ބައިތައް ހެދުމަށެވެ.
"އެ މީހުންނަކަށް ކަނޑައިގެން ފަހާކަށް ނޭނގޭ. ފެކްޓަރީގައި މަސައްކަތް ކުރާތީ ގިރުވާން ހަދަން، ޒިބު ހަރުކުރަން، އެގޮތަށް އެނގެނީ،" ޖާކިރު، އޭނާ އަށް ކުރިމަތިވެފައި އޮތް ގޮންޖެހުން ކިޔައިދިނެވެ.
ޖާކިރު ބުނި ގޮތުގައި މި އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ފަހަން ދާ މީހުން އަދި މަދެވެ. އެންމެ ގިނައިން ޔުނީފޯމް ފެހުމުގެ މަސައްކަތް އޭނާ ކުރީ ކޮވިޑް-19 ނިންމާފައި ސްކޫލް ހުޅުވުނު އިރު އެވެ.
"އޭރު ކޮންމެ 24 ގަޑި އިރެއް ތެރޭ 18 ގަޑި އިރުގެ ޑިިއުޓީ ހެދިން،" ޖާކިރު ބުންޏެވެ.
ހަމަ އެ ފަހާތަނުން ބަންގްލަދޭޝްގެ ރައްޔިއްތެއް ކަމުގައިވާ ޖަހަންގިރުއާ ވެސް ބައްދަލުވި އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ 11 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެ ވަގުތު ވެސް ޖަހަންގިރު ވަރަށް ބިޒީ އެވެ. އިމާދުއްދީން ސްކޫލް ޔުނީފޯމެއް ފަހާފޮށީގެ ދަތްގަނޑު ދަށަށް ލައިގެން ފެހުމާ ވަރަށް ގަޔާވެގެން އިނދެ އޭނާ ވާހަކަ ދެއްކި އެވެ. 
ދުވާލަކު 11 ޔުނީފޯމް ފަހާ ކަމުގައި ޖަހަންގިރު ބުންޏެވެ. 
"މަތިބުރި 180 އަށް، ފަޓުލޫނު ބައެއް އެއްޗެހި 200 އަށް،" އޭނާ އަގުތައް ވެސް ކިޔައިދިނެވެ.
"15،000-13،000 ރުފިޔާ ކުއްޔަށާއި ކަރަންޓް ބިލަށް ދައްކަން. އެހެންވެ ބޮޑު ފައިދާއެއް ނުވޭ."
ބަންގްލަދޭޝްގެ އަމީރު ރާއްޖެ އައީ 2013ގަ އެވެ. އޭނާ ފަހަން ދަސްކުރީ 2008 ގައި ބަންގްލަދޭޝުންނެވެ. މާލެ އައި ގޮތަށް ފުރަތަމަ ވަތް ވަޒީފާގައި އަމީރު އެހެރީ އަދިވެސް އެ މަސައްކަތުގަ އެވެ.
"ދުވާލަކަށް 30 ޔުނީފޯމް ވަރު މިތަނުން ފަހާނެ. އަހަރެން ހަމައެކަނި ކަނޑަނީ،" އޭނާގެ ޒިންމާ ކިޔައިދެމުން އަމީރު ބުންޏެވެ.  
ބައެއް ޔުނީފޯމްތަކުގެ މަސައްކަތް އުނދަގުލެވެ. އޭނާއަށް އެއްބައި ޔުނީފޯމް 20 މިނެޓު ތެރޭ ކަނޑާ ނިންމާލެވޭ އިރު އަނެއްބައި އެއްޗެހި ކަނޑަން ބައިގަޑިއެއްހާ އިރު ހޭދަވެ އެވެ. ނަމަވެސް ޔުނީފޯމްގެ ޑިޒައިން ފަސޭހަ ނަމަ ފަސް މިނެޓު ތެރޭ ވެސް ކަނޑާލެވޭނެ ކަމުގައި އަމީރު ބުންޏެވެ.
"ކުޑަކުދިންގެ އެއްޗެހި ހަމަ އުނދަގޫ،" އަމީރު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
އަމީރު ބުނިގޮތުގައި މި މަސައްކަތުން ބައެއް ފަހަރު ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ނަމަވެސް އަނެއްބައި ފަހަރު ރަނގަޅު އެއްޗެއް ނުލިބި ވެސް ދެ އެވެ.
"އެހާ ބޮޑު އެއްޗެއް ނޫން ލިބެނީ. މާ ކުޑަ އެއްޗެއް ވެސް ނޫން. ބައެއް ފަހަރު ސޭވް ކުރެވޭ. އަނެއްބައި ފަހަރު ނުވޭ،" އަންނަ އަހަރު ޗުއްޓީއަށް ރަށަށް ދާން ނިންމައިގެން ހުރި އަމީރު ބުންޏެވެ.
މުސާރަ ލިބުމުން މައިގަނޑު ކަމަކަށް އޮންނަނީ ފޯނަށް ފައިސާ އެޅުމާއި އާއިލާއަށް ބަންގްލަދޭޝްއަށް ފޮނުވަން ޖެހޭ ފައިސާ ފޮނުވުމެވެ. 
އުމުރުން 29 އަހަރުގެ ފާލޫގް އެ ވަގުތު އުޅެނީ ޔުނީފޯމް ފެހުމުގައި އަވަދިނެތި އެވެ. ފެހުމަކީ ބަންގްލަދޭޝްގައި ދިރިއުޅުނު އިރު ރަހުމަތްތެރިއެއް ކައިރިން އޭނާ ދަސްކުރި މަސައްކަތެކެވެ.
 މިއީ ފާލޫގު އަދާ ކުރާ ދެ ވަޒީފާގެ ތެރެއިން އެއް ވަޒީފާ އެވެ. އޭނާ ފުލްޓައިމްކޮށް މަސައްކަތް ކުރާ ކުންފުނީގައި އޭނާގެ ޒިންމާ އަކީ އެއާ ފްރައިޓްކޮށް އަންނަ މުދާ އެއާޕޯޓުން ކްލިއާ ކުރުމެވެ. އެ މަސައްކަތް އޭނާ އަށް އޮންނަނީ ރޭގަނޑު އެވެ. 
ހަށިގަނޑަށް އަރާމު ހޯދައި ނިދުމަށް އޭނާ އަށް ދުވާލު ލިބޭ ހުސް ވަގުތުތަކުގެ ތެރެއިން ތިން ގަޑިއެއްހާ އިރު ފެހުމުގައި ހޭދަކުރެ އެވެ. 
މި އެންމެން ވެސް، އަމިއްލަ ގައުމުން ދަސްވި މަސައްކަތާއި ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ލިބޭ އާމްދަނީއާ މެދު ހިތްހަމަޖެހެ އެވެ. އެއަށް ވުރެ ވެސް ބޮޑަށް އެމީހުން އުފާވަނީ އެމީހުން ގާތަށް އާންނަ ކަސްޓަމަރުން ހިތްހަމަޖެހޭތީ އެވެ.
"ރީތިކޮށް ފަހައޭ ބުނީމާ އުފާވޭ،" ބޮޑު ހިނިތުންވުމަކާ އެކު އަމީރު ބުންޏެވެ.
އަންނަ އޮގަސްޓްގައި ދިރާސީ އަހަރު ފަށާ އިރު، މި ފެހުންތެރިން މިހާރު މި ކުރާ ބުރަ މަސައްކަތުގެ ނަތީޖާގެ ސަބަބުން އެތަކެއް ހާސް ދަރިވަރުން އާ ޔުނީފޯމް ލައިގެން ބޮޑު ހިނިތުންވުމަކާ އެކު އުފަލުން ސްކޫލަށް ދާނެ އެވެ. މިވެރިންނަށް އެކަމަށްޓަކައި ޝުކުރު ހަމަ ހައްގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ