ހއ.އަތޮޅުން އައްޑުއާއި ހަމައަށް ރައްޔިތުން ތިބީ އަޅުގަނޑުމެންނާއި އެކު ކުރިއަށްދާން: ރައީސް ޞާލިޙް

ހއ.އަތޮޅުން އައްޑުއާއި ހަމައަށް ރައްޔިތުން ތިބީ އެމްޑީޕީ ކޯލިޝަނާއި އެކު
ކުރިއަށްދާން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު އދ.ދިގުރަށަށް ވަޑައިގެން އެރަށު
ރައްޔިތުންނާއި އެކު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު މިއަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަމުން، މިކެމްޕޭނުގަ
ވަރަށްސާފުކޮށް ފެންނަ އެއް މަންޒަރަކީ ހއ.ފެށިގެން އައްޑުއަތޮޅާއި ހިސާބަށް ފެންނަނީ
ހަމަ އެއްކަމެއް، އެއީ މީގެ ކުރިން އަޅުގަނޑުމެން ދެކެފައިވާ ނާމާންކަމާއި ބިރުވެރިކަމާއި،
އުނދަގުލުގެ ތެރެއަށް ދެން ދާން ބޭނުން ނުވާކަން، އަދި ރަށްރަށުގެ ތަރައްޤީއަށްޓަކައި
އަޅުގަނޑުމެން ފަށައިފައިވާ މަސައްކަތް ތަކައިގެން ކުރިއަށްދާން ބޭނުންވާކަން" 
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް ޞާލިޙް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައިރު  ތަފާތުކުރުންތައް އިންތިހާއަށް އޮތް ކަމަށާއި
މިއަދު އެކަން އޮތީ އެހެން ނޫން ކަމަށެވެ. އަސާސީ ޚިދްމަތްތައް ކަމުގައިވާ ފެނާއި
ނަރުދަމާއާއި ލަފާ ފުރުމާއި ކަރަންޓުގެ ޚިދްމަތް ރަނގަޅުވުމުން އެތައް ތަނަކުން
ބޮޑެތި ބަދަލުތަކެއް ރަށްތަކަށް އަންނަ މަންޒަރު މިއަދު ފެނިގެން ދާ ކަމަށް ރައީސް
ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދައުލަތަށް ލިބުނު ފައިސާއިން ކުޑަނަމަވެސް
މިންވަރެއް ކުދި ރަށްތަކަށް ހޭދަ ކުރިނަމަ އެރަށްރަށް ހުންނާނީ މިޙާލަތްތަކުގައި
ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވިސްނުން ތެރި އަމިއްލައަށް މަސައްކަތް
ކުރާ ބައެއް ކަމަށެވެ. ކުދި ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ބޭނުންވަނީ އަސާސީ
ޚިދްމަތްތައް ފޯރު ކޮށްދިނުން ކަމަށެވެ. ދިގުރަށުން މިހާރު މިފެންނަނީ އެމަންޒަރު
ކަމަށާއި ދިގުރަށަކީ މިހާރު ގެސްޓް ހައުސް ވިޔަފާރިއަށް އެންމެ ފައްކާވެފައި އޮތް
އެއް ރަށް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް ގެންނަން އޮތް ބޮޑު ބަދަލު ތަކިގެ ސަބަބުން ދިގުރަށް
ފަދަ ރަށްތަކުގެ ކުރިމަގު ވަރަށް ފޮނި ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ މަސައްކަތްތަކަކީ އެއްދުވަހަކުން
ދެދުވަހަކުން ނިންމާލެވޭނެ މަސައްކަތްތަކެއް ނޫން، އަދި ކިރިޔާ ރަށްރަށުގަ ބިންގާ،
ހަޤީޤަތުގައި ދިރިއުޅޭ ރަށަކަށް ބަދަލުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް
ކޮށް މިނިންމާލެވެނީ، ދެންއޮތީ މީގެ މައްޗަށް އަޅުގަނޑުމެން ބިނާ ކުރަން ބޭނުންވާ
އިޤްތިޞާދާއި ފުދުންތެރި ރައްޔިތެއް ބިނާކުރުން" 
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް ވިދާޅުވީ މިކަމަށްޓަކައި އަދި ވަގުތު ބޭނުންވާ ކަމަށާއި ކުރިއަށް އޮތް
ދެތިން އަހަރުތެރޭގައި   އެތަފާތާއި އެމަންޒަރު ވަރަށް ސާފުކޮށް ރާއްޖޭގެ
އެކި ރަށްރަށުން ފެނިގެން ދާނެ ކަމަށެވެ.
ރައީސް
ޞާލިޙް ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ވަނީ
އދ. ދިއްދޫ އަށްވެސް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ