ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއަދުގެ ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރެއްވި ރައީސް ޔާމީންގެ ރަނިން މޭޓް އަދި އެމަނިކުފާނުގެ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ. ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހައްޤަށް ނަސްރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އިއްޔެވެ. އަދި ހަމަ އިއްޔެ އެ ކޮމިޝަނުން ވަނީ ރައީސް ޔާމީނުގެ ޝަރުތުތައް ހަމަނުވާކަމަށް ނިންމާފައެވެ.
ރައީސް ޔާމީންގެ ޝަރުތުތައް ހަމަނުވާކަމަށް އީސީން ނިންމީ އެމަނިކުފާނަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެއް ކަމަށް ބުނެއެވެ. ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު މިހާރު ވަނީ މަޑުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ