މިއަދުން ފެށިގެން ކިލޯއަކަށްވުރެ މަތީގެ މަހަށް ދޭ އަގު އިތުރުކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަނީ

މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވައިިފިއެވެ.
އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ރޭ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލަކަމަށެވެ. އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.
މީގެކުރިން މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށްވީ ކަނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާކަން ރޭ ރައީސް ވަނީ އިއުލާނުކުރައްވާފައި އެވެ. އެގޮތުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށާއި މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިދެ އުސޫލަށްވެސް މިއަދުން ފެށިގެން އަމަލުކުރާނެކަން ރައީސް ވަނީ ރޭ ހާމަކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ