ކައިފައި ބިލު ނުދައްކާ ފިލަން އުޅުމުން ބަންދަށް، ބުނީ ބަނޑުހައިވީ ކަމަށް
ކެފޭއަކުން ކެއުމަށް ފަހު، ބިލު ނުދައްކާ ފިލަން އުޅުނު މީހަކު ހައްޔަރުކުރުމުން, އެހެންވީ "ބަނޑުހައިވެގެން" ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދުއަށް ނިސްބަތްވާ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ވަނީ ކެފޭއަކުން ކެއުމަށް ފަހު ބިލު ނުދައްކާ ފިލަން މަސައްކަތްކޮށްފައެވެ. އެ މީހާ ވެސް ކޯޓުގައި ވަނީ ފުލުހުން ކުރަނީ ރަނގަޅު ތުހުމަތެއް ކަމަށް ބުނެފައެވެ. އެކަމަކު، ކޯޓުގައި އެ ޒުވާނާ ބުނީ ކެއީ ބަނޑުހައިވެގެން ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ މީނާގެ މި ފަދަ ހާދިސާއެއް މި އަހަރު ތަކުރާރުވި ތިންވަނަ ފަހަރެވެ. ކޯޓުގައި އެ ޒުވާނާ ބުނީ، ދިރިއުޅޭނެ ތަނެއް ވެސް ނެތް ކަމަށާއި ނިދާ ހަދަނީ ވެސް ޖޯލިތަކުގައި ކަމަށެވެ. އޭނާގެ އާއިލާ މީހުން ވެސް ދުނިޔޭގައި އެބަތިބި ކަމަށާއި އެކަމަކު އެ މީހުންގެ "ޚަބަރެއްނުވާ" ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންވެ، އޭނާ ގިނައިން ކައި ހަދަނީ ސަލާންޖަހައިގެން ކަމަށް ބުންޏެވެ. އޭނާ ވަޒީފާއެއް ވެސް އަދައެއް ނުކުރެއެވެ. ކޯޓު އަމުރުގައި ވަނީ ވައްކަން ކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ބިލުތަކަށް ފައިސާ ނުދެއްކުމުގެ ކުށުގެ ރިކޯޑު އެ މީހާގެ އޮތްކަން ފާހަގަކޮށްފައެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ